ދަގަނޑޭ އާއި އުމެއިރު ސްކޮޑަށް، ބަކާ އަށް ފުރުސަތެއް ނެތް
ދަގަނޑޭ އާއި އުމެއިރު ސްކޮޑަށް، ބަކާ އަށް ފުރުސަތެއް ނެތް

ޔޫއޭއީގައި 2019 ވަނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިން ޕްލޭ އޮފް މެޗުގައި ޔަމަނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ނެގި ސްކޮޑުން، ދާދި ފަހުން އަނިޔާގެ ސަބަބުން ޕީޑީއާރްއެމްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލި ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތު ދީފި އެވެ.

ދަގަނޑޭ ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރު ހުންނަން ޖެހޭތީ ޕީޑީއާރްއެމްއާ ވާހަކަ ދެއްކުމަށް ފަހު އޭނާގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

ގައުމީ ޓީމު ޔަމަނާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ. ޔަމަންގެ ހޯމް މެޗު އަންނަ މަހު ހަތް ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، އެ މެޗު ކުޅޭނީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. އެ މެޗު ޔަމަނުގައި ނުކުޅެން ނިންމީ ސަލާމަތީ ކަންތައްތަކަށް ބެލުމަށްފަހު އެވެ.

މާޒިޔާ: އިމްރާން މުހައްމަދު، ސަމޫޙު އަލީ (ސަމުއްޓޭ)، އަމްދާން އަލީ (އެންޑީ)، ސަމްދޫހު މުހައްމަދު، އަސްހަދު އަލީ (އަޑުބަރޭ)، އަހުމަދު ނާޝިދު (ނާއްޓޭ)، އަހުމަދު އިމާޒް (އާއްކޮ)، ޔަޝްފާދު ހަބީބު (މުލަކޭ)، އިސްމާއިލް އީސަ، މުހައްމަދު އުމެއިރު، އަސަދުﷲ އަބްދުﷲ

ޓީސީ: އަބްދުﷲ ފަޔާޒް، އަހުމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، ނާއިޒު ހަސަން (ދާދު)

ވެލެންސިއާ: މުހައްމަދު ފައިސަލް، ޝާފިއު އަހުމަދު (ޝާފީ)، ހިޝާމް ސަލީމް، އަހުމަދު ވިސާމް

ނިއު ރޭޑިއަންޓް: މުހައްމަދު ރަޝީދު (ހޮކޭ)، ހަމްޒާ މުހައްމަދު (ހަމްޕު)

އީގަލްސް: އިމްރާން ނަޝީދު، އަހުމަދު ޒާދު

- އަލީ އަޝްފާގު (ދަގަނޑޭ)

މި ފަހަރުގެ ސްކޮޑުން ވެސް މި ސީޒަނުގައި ކްލަބް ވެލެންސިއާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ޓީމުގެ ކުރީގެ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) އަށް ޖާގަ ނުލިބެ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން މިދިޔަ އަހަރު ފަހު ކޮޅު ކުޅުމާ ދުރު ހުންނަން ޖެހުމުން ގައުމީ ޓީމުގެ ގިނަ މުބާރާތްތަކެއް ގެއްލުނު މުހައްމަދު އުމެއިރަށް ވަނީ ފުރުސަތު ދީފަ އެވެ. އޭނާ ވަނީ މިހާރު އަލުން ފިޓްވެ ކުޅެން ފަށައިފަ އެވެ.

ގައުމީ ޓީމުން މި ފަހަރު އަލަށް ފުރުސަތު ހޯދި ވެލެންސިއާގެ ހިޝާމް އާއި އީގަލްސްގެ އިމްރާން އަކީ މި ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ދެ ކުޅުންތެރިންނެވެ.

ޔަމަނާ ދެކޮޅަށް ކުޅޭ ދެ މެޗުން ރާއްޖެ އަށް ކުރި ލިބިއްޖެނަމަ ކޮލިފައިން ތިން ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. ބަލިވެއްޖެނަމަ ރާއްޖެ ޖެހޭނީ ކޮލިފައިން ދެ ވަނަ ބުރުގައި ކުޅޭށެވެ.