19 ސެޕްޓެމްބަރ 2018 - 07:43

ތަފާތު ކުޅިވަރުތަކަށް ޝައުގު ހުންނަ ޒުވާނުންގެ މެދުގައި، ފުރޮޅުލީ ފައިވާނާއި ހޯވަބޯޑާއި ސްކޭޓްބޯޑަކީ ވަރަށް މަގުބޫލު އެއްޗެކެވެ. މި ފަހަކަށް އައިސް މި ފާޑުގެ އިލެކްޓްރޯނިކް ފުރޮޅުލީ ސްކޭޓްބޯޑާއި ހޯވަބޯޑް އުފެއްދުމުގައި އެންމެ ނަން މަޝްހޫރު ކުންފުންޏަކީ ސެގްވޭއެވެ. އެ ކުންފުނީގެ އެކި އެކި އުފެއްދުންތަކުގެ މަގުބޫލުކަން ބޮޑުވަމުން ދިޔުމުގެ ސަބަބުން ނައިންބޮޓުން އެ ކުންފުނި ގަތީ 2015 ވަނަ އަހަރެވެ.
ނައިންބޮޓްގެ މެނޭޖްމަންޓްގެ ދަށުން ވެސް ސެގްވޭ އަންނަނީ ފުރޮޅުލީ ބޯޑާއި ބޫޓާއި ފައިވާނުގެ ދުނިޔެއަށް އާ އުފެއްދުންތައް ނެރެމުންނެވެ. މިފަހަރު އެ ކުންފުނިން ތައާރަފްކުރަނީ ސެގްވޭ ޑްރިފްޓް ޑަބްލިޔު1 އެވެ. ފައި ބަހައްޓާލައިގެން ދުއްވާ ފުރޮޅުލީ ބޫޓެކެވެ.
ހޯވަބޯޑް އަސްލަކަށް ބަލައިގެން ފަރުމާކުރި މި ބޫޓު ދުވަނީ ވެސް ހޯވަބޯޑެއް ދުވާ ގޮތަށެވެ. ތަފާތަކީ ހޯވަރބޯޑްގައި ދެފައިމައްޗަށް ހުރެވުނަސް މީގައި ދެފައި ވަކިން ބޯޑު މަތީ ބަހައްޓަން ޖެހޭ ކަމެވެ. ބަލާ ބެލުމަށް ހީވާނީ ދެފަޅި ކޮށްފައިވާ ހޯވަބޯޑެއް ދެފަޔަށް ހެޔޮވަރުކޮށްގެން ދުއްވާހެންނެވެ.
އާންމު ގޮތެއްގައި މިފަދަ ފުރޮޅުލީ ބޫޓާއި ފައިވާން ހުންނަނީ އެއަށް ފައި މަހާލެވޭ ގޮތަށެވެ. ނަމަވެސް ޑަބްލިޔު1 ފަރުމާކޮށްފައިވަނީ ބޫޓުމަތީ ފައި ބަހައްޓާލާ ގޮތަށެވެ. މި ބޫޓުގެ ފައި ބަހައްޓާތަން ހަދާފައިވަނީ ނުކައްސާ ޒާތުގެ ސިލިކޯން ފޮއްޗަކުންނެވެ. މީގެ ޓަޔަރު ފަރުމާކޮށްފައިވަނީ އަރިއަޅާލައިގެން ނުވެއްޓި ކޮޅުކޮޅަށް އަނބުރަން ފަސޭހަވާނެ ގޮތަށެވެ.
މިއީ 18 އަހަރުގެ ތަޖުރިބާއިން އުފައްދާފައިވާ ސެގްވޭ ޑްރިފްޓް ޑަބްލިޔު1 ފަރުމާކޮށްފައިވަނީ އެންމެ ބަރުވެގެން 99ކިލޯ އުފުލޭނެ ކުޅަދާނަކަން ލިބިދީގެންނެވެ. މިއަށް އަރައިގެން ގަޑިއަކު 12 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވޭނެއެވެ. މީގެ ބެޓެރީ ޗާޖުކޮށްގެން ހުއްޓިނެތި 45 މިނިޓް ދުއްވޭނެއެވެ. މީގެ ބޫޓަށް އަރައިގެން ކުރިއަށާއި ފަހަތަށާއި އަރިއަރިމައްޗަށް ވެސް ދުއްވޭނެއެވެ. ބޭނުންވަނީ މި ބޫޓުގެ މައްޗަށް އިތުބާރުކޮށްގެން އެއަށް އެރުމެވެ. އެހިސާބުން ކައްސާލައިގެން ނުވެއްޓޭނެކަމުގެ ޔަގީންކަން މި ބޫޓު އުފެއްދި ސެގްވޭ ކުންފުނިން ދެއެވެ. ނަމަވެސް ހެލްމެޓް އަޅައިގެން ދުއްވުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.
ސެގްވޭގެ މި އުފެއްދުމަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވާނެ އުފެއްދުމެއް ކަމަށް އެވެރިން އުއްމީދުކުރެއެވެ. ބުނެވޭ ގޮތުގައި މިވަގުތު ސެގްވޭ ޑްރިފްޓް ޑަބްލިޔު1 ބާޒާރުގައި ވިއްކަން ހުރީ 500 އެމެރިކާ ޑޮލަރަށްވުރެ އަގުހެޔޮކޮށެވެ.