ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި
ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި

ހިޔާލު ފާޅުކުރުން ހުއްޓުވަން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ވޯޓު ދޭން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ތްރީ ލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި މަޖިލިސް އިދާރާގައި މިއަދު ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި ތްރީ ލައިން ވިޕް ނެރުނީ ބިލު ފާސްކުރަން ނަގާ ވޯޓުގައި ބިލާ ދެކޮޅަށް ވޯޓު ދިނުމަށެވެ. މި ވިޕް ލައިނާ އެކު، އެ ވޯޓު ނަގާ މަޖިލީހުގެ ޖަލްސާ އަށް އެމްޑީޕީގެ މެމްބަރުން ހާޒިރުވެވަޑައިގަންނަވަން ވެސް ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

ބިލު މަޖިލީހަށް ބަލައިގަތުމަށް މިދިޔަ ހަފުތާގައި ނެގި ވޯޓުގައި ވެސް ބިލާ ދެކޮޅަށް ވޯޓު ދޭން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރުނެވެ.

އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ވަނީ މި ބިލާ ދެކޮޅު ހަދާފަ އެވެ. އެކަމަކު، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އަދި ވިޕެއް ނުނެރެ އެވެ.

އެގާރަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން މިހާރު އަންނަނީ މި ބިލު ދިރާސާ ކުރަމުންނެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް އާންމުންގެ ފަރާތުން އެއްވެސް ހިޔާލެއް ލިބިފައިވާ ނަމަ އެއީ ބާތިލް އެއްޗެއްގެ ގޮތުގަ އާއި އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތު ބަންދުކުރަން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އަދި މިހާތަނަށް ހާޒިރުކުރަން ފަރާތްތަކުގެ ހިޔާލު ދެން ނުހޯދާ ގޮތަށް ވެސް ޕީޕީއެމްގެ ސާފު އަގުލަބިއްޔަތު އޮންނަ ކޮމެޓީން ނިންމި އެވެ.

ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރާއިރު، މިއަދާއި މާދަމާ އަދި ބުދަ ދުވަހުން ކުރެ ކޮންމެވެސް ދުވަހެއްގައި މުހިންމު ވޯޓެއް މަޖިލީހުގައި ނަގާނެތީ، ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ތިން ދުވަހު މާލޭގައި ތިއްބެވުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ މެމްބަރުންނަށް އަންގަވާފަ އެވެ. ނަމަވެސް އެއީ ކޮން ވޯޓެއް ކަމެއް ނިހާން ވިދާޅުވެފައެއް ނެތެވެ. އެކަމަކު "މިހާރު" އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގަ އާއި ވައިބަ ގުރޫޕްގައި އެ ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ނިހާން އިޝާރާތް ކުރައްވާފައި ވަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލު މަޖިލިހުން ފާސްކުރުމުގެ މައްސަލައަށެވެ.

މިހާރުގެ ބިލުގައި މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެ ގޮތުން، އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.