ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފި
ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރާ ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓު ކަރުދާސްތަކާ އެކު، ވޯޓުލުމުގައި ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތަކާއި ސާމާނު ގެންދަނީ ސެކިއުރިޓީ ފޮށިތަކުގައި ކަމަށެވެ.

މީގެކުރިން، އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ފޮށިތައް ރަށް ރަށަށް ފޮނުވައިފަ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ސެކިއުރިޓީ ފޮށިތައް ރަށްރަށަށް ފޮނުވާއިރު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާއި ފުލުހުން ވެސް ހަރަކާތްތެރިވާއިރު، އެތަކެތި ބަހައްޓާނީ ރައްކާތެރި ތަނެއްގަ އެވެ.

"ކޮންމެ ސެކިއުރިޓީ ފޮއްޓަކާއެކު، އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކާއި ފުލުހަކު ދާނެ. ސެކިރުއިޓީ ފޮށިތައް ބަހައްޓާނީ ފޯކަލް ޕޮއިންޓުތަކުގެ ބެލުމުގެ ދަށުގައި،" އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިފަހަރުގެ ވޯޓު ކަރުދާހުގައި ވަރުގަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނިފައިވާނެ ކަމަށާއި އޭގެ ސައްހަކަން ކަށަވަރުކޮށްފައި ނޫނީ އެއްވެސް ވޯޓު ކަރުދާހެއް ނުގުނާނެ ކަމަށެވެ.

ޝަރީފު ވިދާޅުވި ގޮތުގައި، ސައްހަކަން ކަށަވަރުކުރަން އެއްވެސް ކަހަލަ ވަސީލަތެއް އީސީން ބޭނުން ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރަން ވެސް ކޮމިޝަން އޮތީ ތައްޔާރަށެވެ.

ރިޔާސީ އިންތިހާބަށް ހަތަރު ދުވަހަށް ވީއިރު، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަނީ، އިލެކްޝަންސް ކޮމިޝަނުން މިނިވަން، އިންސާފުވެރި އިންތިހާބެއް ނުބާއްވާނެ ކަމަށެވެ. އެކަމަކު، އެ ތުހުމަތުތަކަށް ރައްދު ދީ ކޮމިޝަނުން ބުނެފައި ވަނީ މިފަހަރުގެ އިންތިހާބަކީ ދެފުށް ފެންނަ، އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި 472 ވޯޓު ފޮށި ބަހައްޓާއިރު، މިފަހަރުގެ އިންތިޚާބުގައި 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.