20 ސެޕްޓެމްބަރ 2018 - 07:00

ކަންފަތުގައި މަޑު ގިނަވެ، އެގޮތުގައި ގިނަ ދުވަސް ވާ ނަމަ ކަންފަތް ބީރު ވުން އަދި ވާޓިގޯ ފަދަ ސިއްހީ ނުރައްކާތަކާ ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ.
ސީއެންއެންގައި ޝާއިއުކުރި ރިޕޯޓެއްގައި ތަޖުރިބާކާރުން ބުނެފައިވަނީ ބީރުވުން އަދި އެނބުރުން އަރައި ވެއްޓޭ ހާލަތްތައް މެދުވެރިވާ މައްސަލައެއް ކަމަށްވާ ވާޓިގޯ އަކީ ކަންފަތުގައި މަޑު ގިނަވެ، ގިނަ ދުވަސް ވުމުން އެންމެ ފަސޭހައިން ދިމާވާނެ ސިއްހީ މައްސަލަތައް ކަމަށެވެ. މިއީ އުމުރުން ދުވަސްވީ މީހުންނަށް އާންމުކޮށް ދިމާވާ ކަމެކެވެ.
ނަމަވެސް، ޓޮރޮންޓޯގައި ހުންނަ ހައުސް އޮފް ހިއަރިންގެ އޯޑިއޮލިޖިސްޓް މަރިޔަމް ޣަދާރީ ވިދާޅުވެފައި ވަނީ މިއީ އުމުރުން ދުވަސްވީ މީހުންނަށް އާންމުކޮށް ދިމާވާ މައްސަލަތަކަކަށް ވިޔަސް، ހަމަ ކޮންމެ އުމުރެއްގެ މީހަކަށް ވެސް މިކަން ތަޖުރިބާކުރަން ޖެހިދާނެ ކަމަށެވެ.
"ގިނަ މީހުން ކަންފަތް ސާފުކުރަން ބޭނުންކުރަނީ ކަފަބުރު. އެކަމަކު އެ ކުރެވޭ ކަމަކީ ކަންފަތުގެ އެންމެ އެތެރޭގައި ހުންނަ މަޑުތައް ބޮޑަށް އެތެރަށް ކޮއްޕުން. އެގޮތަށް ގިނަ ދުވަހު ހެދުމުން މި ވާ ގޮތަކީ މަޑުގެ ގުޅައެއް ކަންފަތުގެ އެންމެ އެތެރޭގައި އުފެއްދި، އެހެން އޮވެ ހަރުވަނީ،" މަރިޔަމް ވިދާޅުވި އެވެ.
ވާޓިގޯ އަކީ މަޑުގެ ސަބަބުން އެހާ ފަސޭހައިން ކުރިމަތިވާ ކަމެއް ނޫން ކަމަށާއި އެކަމަކު ސިއްހީ ބައެއް މައްސަލަތަކާ އެކު، ކަންފަތުގައި މަޑު ހުންނަ ނަމަ ވާޓިގޯ އަށް މަގު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރިޔަމް ވިދާޅުވި ގޮތުގައި، ކަންފަތުގައި މަޑު ގިނަވެ، ހަރުވުމުން، އުމުރުން ދުވަސްވީ މީހުންނަށް ބޮޑަށް ނުރައްކާވަނީ ކަންފަތުގެ ތޫރި ފަޅައިގެން ހިނގައިދާނެތީ އެވެ. އުމުރުން ދުވަސްވުމުން ހަންތައް މަޑުވާ ކަމަށާއި އެހެންވެ ކަންފަތު ތެރޭގައި މަޑުތައް ހަރުވެ، ބާރު ބޮޑުވުމުން ތޫރި ފަަޅައިގެން ގޮސް އިވުމުން މަހުރޫމު ވެދާނެކަމުގެ އިންޒާރު މަރިޔަމް ދެއްވި އެވެ.
ތަޖުރިބާކާރުން ލަފާ ދެއްވަނީ ކަންފަތުން މަޑު ސާފުކުރަން އަމިއްލަ އަށް ނޫޅެ، ޑޮކްޓަރުން ލައްވާ އެކަން ކުރުމަށެވެ. އެއީ ކަފަބުރު ކަހަލަ އެއްޗެހި ބޭނުންކުރުމުން ލިބޭ ގެއްލުން ބޮޑުވުމުންނެވެ.