19 ސެޕްޓެމްބަރ 2018 - 15:20

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 19) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ 628 މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލާގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ހައްޔަރު ކުރުމަށް ފަހު ދައުވާކުރަން ނިންމައިފި އެވެ.
މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ނަޖީބު ހައްޔަރު ކުރީ 1އެމްޑީބީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ 2.6 ބިލިއަން ރިންގިޓް (628 މިލިއަން ޑޮލަރު) ގެ މައްސަލާގައި ކަމަށެވެ. އަދި މާދަމާ މެންދުރު ފަހު ނަޖީބު ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފަ އެވެ.
މެއި މަހު ބޭއްވި އިންތިޚާބުން ނާކާމިޔާބުވި ނަޖީބުގެ ކޮރަޕްޝަނުގެ އެހެން މައްސަލަތަކެއް ވެސް ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި 1އެމްޑީބީގެ ޔުނިޓަކުން ޚިޔާނާތްތެރިވި 10 މިލިއަން ޑޮލަރުގެ މައްސަލައަކާއި މަނީ ލޯންޑްރިންގެ މައްސަލައެއް ހިމެނެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށްދާތީ ނަޖީބަށް މިހާރު ވަނީ ގައުމުން ބޭރަށް ނުދެވޭގޮތް ހަދައިފަ އެވެ. ނަމަވެސް އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ 2013 ގެ އިންތިޚާބުގެ ކުރިން ނަޖީބުގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައިގަ އެވެ.
އެ މައްސަލަ 2015 ވަނަ އަހަރު ފަޅާއެރުމުން ނަޖީބުގެ ވެރިކަމުގައި ވަނީ އެކަން ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.
ނަޖީބުގެ ވެރިކަން ވެއްޓުނު ފަހުނ އޭނާއާ ގުޅުން ހުރި ތަންތަނުން މެލޭޝިއާ ފުލުހުން ވަނީ 273 މިލިއަން ޑޮލަރުގެ ތަކެތި ހޯދައިފަ އެވެ. މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.