22 ސެޕްޓެމްބަރ 2018 - 08:44

"އާޝިގީ" އާއި "ނާމް" އަދި "ޒަހަމް" އާއި "އާތު" ގެ އިތުރުން "ސަޅަކް" ފަދަ ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ މަހޭޝް ބަޓް ވިއްސަކަށް އަހަރު ފަހުން "ސަޅަކް" ގެ ދެވަނަ ބަޔަކާ އެކު އަނެއްކާ ވެސް ޑައިރެކްޝަނަށް ނުކުންނަން ނިންމައިފި އެވެ.
ފިލްމު "ކާޓޫސް" 1999 ގައި ގެނެސް ދިން ދިނުމަށް ފަހު، ޑައިރެކްޝަނާ ދުރުވެ، ފިލްމްތައް ޕްރޮޑިއުސް ކުރުމުން އަންނަ މަހޭޝް، 69، ޑައިރެކްޓް ކުރާ "ސަޅަކް 2" އަކީ އޭނާ 1991 ގައި އުފެއްދި ފިލްމެއްގެ ސީކްއެލްއެކެވެ.
އާ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، "ސަޅަކް " ގެ ކާސްޓްގައި ފުރަތަމަ ބައިގެ ލީޑް ދެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި މަހޭޝްގެ ދޮށީ އަންހެން ދަރިފުޅު އަދި ކުރީގެ މަޝްހޫރު ބަތަލާ ޕޫޖާ ބަޓް ވެސް ހިމެނެ އެވެ.
މި ފިލްމުގައި ދެން ހިމެނެނީ މަހޭޝްގެ ހަގު އަންހެން ދަރިފުޅު އަދި ބޮލީވުޑްގައި މިހާރު އެންމެ ވިދާ ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރެވެ.
އަދިތިޔާއަކީ މަހޭޝްގެ އާއިލީ ފިލްމް ކުންފުނި ވިޝޭޝް އިން މި ފަހުން ގެނެސް ދިން ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމުގެ ބަތަލެވެ. އެއީ 2013 ގެ "އާޝިގީ 2" އެވެ. "ސަޅަކް 2" އަކީ އާލިއާއާ އެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ.
"ސަޅަކް 2" ވެގެން ދާނީ ވިޝޭޝްގެ ފިލްމެއް އާލިއާ ކުޅޭ ފުރަތަމަ ފަހަރަށެވެ. އަދި މި ފިލްމުން އޭނާ އަށް ލިބޭ އުފާތަކަކީ ދައްތަ ޕޫޖާއާ އެކު ސްކްރީން ހިއްސާކޮށްލަން ލިބުމުގެ އިތުރަށް ބައްޕަގެ ޑައިރެކްޝަނެއްގައި މަސައްކަތްކޮށްލަން ވެސް މަގުފަހިވެގެން ދިއުމެވެ.
ބެލެވޭ ގޮތުން "ސަޅަކް 2" އާ އެކު އަލުން ޑައިރެކްޝަނަށް ނުކުންނަން މަހޭޝް ބޭނުންވި އެއް ސަބަބަކީ އޭނާގެ ދެ އަންހެން ދަރިން ހިމަނައިގެން ފިލްމެއް ހަދަން ބޭނުން ވުމެވެ. އެހެންވެ ޕޫޖާ، 46، އާއި އާލިއާ، 25، އަށް ވެސް މި ފިލްމު ވަރަށް ހާއްސަވެގެން ދާނެ އެވެ. ޕޫޖާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2001 ގެ "އެވްރިބަޑީ ސޭސް އައި އެމް ފައިން" އިންނެވެ.
"ސަޅަކް 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް، 25، 2020 ގަ އެވެ.