ގުރުއާނާ ބެހޭ މަރުކަޒު، ކިންގް ސަލްމާން މިސްކިތަށް ބަދަލު ކުރަނީ
ގުރުއާނާ ބެހޭ މަރުކަޒު، ކިންގް ސަލްމާން މިސްކިތަށް ބަދަލު ކުރަނީ

މީގެ އެތައް އަހަރެއް ކުރިއްސުރެ ހިންގަމުން އަންނަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު، ސަރުކާރުން މިހާރު ހަދަމުން އަންނަ ކިންގް ސަލްމާން އިސްލާމިކް ސެންޓަރަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

ރޭ ދަރުބާރު ގޭގައި ބޭއްވި އިލްމުވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު އަދި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސަލްމާން މިސްކިތް ނިމުމާ އެކު، ގުރުއާނާ ބެހޭ މަރުކަޒުގެ ހުރިހާ ކަމެއް އެ ތަނަށް ބަދަލު ކުރާނެ ކަމަށެވެ. އަދި މި އޭޝިއާ ސަރަހައްދުގައި ވެސް ހުރި އެންމެ ބޮޑު އަދި އެންމެ ރީތި އެ މިސްކިތް އަޅަނީ، ގުރުއާނާ ބެހޭ މަރުކަޒު ހިންގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އުތުރު ފަރާތުގައި އިމާރާތްކުރާ އެ މިސްކިތް ނިންމުމަށް ހަވާލުކޮށްފައިވަނީ ދޮޅު އަހަރުގެ ތެރޭގަ އެވެ. އެކަމަކު ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ޝަހީމް ލަފާ ކުރައްވަ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭ އެ މިސްކިތް އަޅަނީ، އިސްލާމް ދީން ކުރިއަރުވައި، ދީނީ ވަހުދަތު ވަރުގަދަ ކުރަން ބޭނުން ކުރެވޭނެ ހުރިހާ ވަސީލަތްތަކާއެކު އެވެ.

- މަލްޓި ޕާޕަސް ހޯލެއް ހުންނާނެ

- އޮޑިޓޯރިއަމެއް ހުންނާނެ

- ދުނިޔޭގެ ފެންވަރުގެ ލައިބްރެރީއެއް ހުންނާނެ

- ސެމިނާތަކާއި ކްލާސް ރޫމްތައް ހުންނާނެ

ގުރުއާނާ ބެހޭ މަރުކަޒުގައި، ގުރުއާނުގެ އިލްމުގެ އިތުރުން ގުރުއާން ތަޖްވީދު މަގުން ރީތިކޮށް ކިޔަވަން ދަސްކޮށްދިނުމާއި ހިތުދަސްކޮށްދިނުމުގެ ކޯސްތައް ކުރިއަށް ގެންދެ އެވެ.