ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަރްޖުން ކަޕޫރްގެ "ނަމަސްތޭ އިންގްލެންޑް" އާއި "ސަންދީޕް އޯރް ޕިމްކީ ފަރާރް" ގެ މަސައްކަތް ނިމި، ރިލީޒްވާން ތައްޔާރުވެފައިވާ އިރު ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި މިހާރު ޝޫޓް ކުރަމުން އަންނަ "އިންޑިއާސް މޯސްޓް ވޯންޓެޑް" އާއި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އަޝުތޯޝް ގޮވަރިކާގެ "ޕާނިޕަޓް" ހިމެނެ އެވެ. އެ ފިލްމުގައި އަރްޖުން ފެނިގެން ދާނީ ކިރިތީ ސެނަން އާއި ސަންޖޭ ދަތާ އެކުގަ އެވެ.

ކުރިއަށް އޮތީ އަރްޖުން އަށް ބިޒީ ދުވަސްތަކެކެވެ. އަނެއްކޮޅުން އޭނާ އަންނަނީ ފުލުފުލުގައި އިތުރު ފިލްމުތަކަށް ސޮއި ވެސް ކުރަމުންނެވެ.

އަންނަ މަހުގެ 19 ގައި ރިލީޒް ކުރާ "ނަމަސްތޭ އިންގްލެންޑް" އަކީ ވިޕުލް ޝާހް 2007 ގައި އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ހިމަނައިގެން ގެނެސް ދިން "ނަމަސްތޭ ލަންޑަން ސީރިޒް" ގެ ބައެކެވެ. މި ފިލްމުގައިި އަރްޖުންއާ އެކު ފެނިގެން ދާނީ ޕަރިނީތީ ޗޯޕްޅާ އެވެ.

އަކްޝޭ ކުޅުނު ފިލްމެއްގެ ދެވަނަ ބައި އަރްޖުން އަށް ލިބުނު އިރު، އަނެއްކާ ވެސް ހަމަ އަކްޝޭ ކުޅެފައިވާ އެހެން ފިލްމެއްގެ ދެވަނަ ބައި އަރްޖުން އަށް ހުށަހަޅާފައިވާ ކަަމަށްވެ އެވެ. އެއީ ހަމަ އަނެއްކާ ވެސް އަކްޝޭ އާއި ކެޓްރީނާ ކުޅުނު 2008 ގެ "ސިންގް އިޒް ކިންގް" ގެ ދެވަނަ ބައެވެ. ރިޕޯޓްތައް ބުނާ ގޮތުން ދެވަނަ ބަތަކަށް އަރްޖުން މިހާރު ވަނީ ސޮއިކޮށްފަ އެވެ.

އޭނާ ދެން ސޮއި ކުރި ކަމަށް ބުނާ އަނެއް ފިލްމަކީ 2014 ގައި ސިދާތު މަލްއުތުރާ އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައެވެ. މި ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ ވަރަށް ކާމިޔާބު ފިލްމެކެވެ.

މީޑިއާތަކުން ބުނާ ގޮތުން މޯހިތުއާ އެކު "އޭކް ވިލަން 2" ގައި އަރްޖުން މަސައްކަތް ކުރާނެ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށް، މިދިޔަ އަހަރު ގެނެސް ދިން "ހާފް ގާލްފްރެންޑް" ގެ ތަރިންނަކީ އަރްޖުން ޝްރަދާ އެވެ.

ލަވް ރަންޖަން ގެނެސްދޭ ކާމިޔާބު ފްރެންޗައިޒް "ޕިޔާރް ކާ ޕަންޗްނާމާ" ގެ ވަރަށް ކާމިޔާބު ދެ ފިލްމަށް ފހު، މީގެ ތިން ވަނަ ބައެއް ވެސް ހަދަން ނިންމައިފި އެވެ.

އެކަން ކަށަވަރުކޮށް ދެމުން ބަތަލާ ނުޝްރަތު ބަރޫޗާ ބުނި ގޮތުގައި މި ފަހަރުގެ ފިލްމުގެ ވާހަކަ ބިނާ ކުރަނީ އަންހެނެއްގެ ނަޒަރިއްޔާތުންނެވެ. އޭނާ ބުނީ "ޕިޔާރް ކާ ޕަންޗްނާމާ" ގެ އިތުރު ބައެއް ހަދަން ނިންމާފައިވާތީ އެކަމާ ވަރަށް އުފާވާ ކަމަށް ވެސް ބުނެފަ އެވެ. މި ސީރިޒްގެ ފިލްމުތަކުގައި ލީޑް ރޯލް ކުޅެނީ ނުޝްރަތާއި ކާތިކް އާރިޔަންގެ އިތުރުން ސަނީ ނިއްޖަރް އެވެ.

ހަމަ މި ތަރިންނާ އެކު ލަވް މި އަހަރު ގެނެސް ދިން "ސޯނޫ ކޭ ޓިޓޫ ކޭ ސްވީޓީ" އަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. "ޕިޔާރް ކާ ޕަންޗްނާމާ" ގެ ފުރަތަމަ ބައި 2011 ގައި ގެނެސް ދިން އިރު، ދެވަނަ ބައި ރިލީޒް ކުރީ 2015 ގަ އެވެ.

ނަމަވެސް ތިން ވަނަ ބައިގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ ދުވަހެއް އަދި ނުނިންމަ އެވެ. ނުޝްރަތު ދާދި ފަހުން ވަނީ ރާޖްކުމާރް ރާއޯއާ އެކު ކުޅޭ ހެންސަލް މެހެތާގެ "ތުއްރަމް ހާން" އަށް ސޮއިކޮށްފަ އެވެ.

ލަވް މިހާރު އަންނަނީ އަޖޭ ދޭވްގަން އާއި ރަންބީރު ކަޕޫރާ އެކު ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ.

ޝާހިދު ކަޕޫރްގެ ކުރިއަށް އޮތް ފިލްމް "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިންގެ ބަތަލާގެ ރޯލުން ތާރާ ސުތާރިއާ މިހާރު ވަނީ ވަކިވެފަ އެވެ. ސަބަބަކީ އޭނާ ބޮލީވުޑަށް ތައާރަފު ކުރާ ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ކުރިން އެހެން ފިލްމަކުން ތާރާ ދައްކައިލަން ބޭނުން ނުވުމެވެ.

މި ސަބަބާ ހުރެ އޭނާ "އަރްޖުން ރެޑީ" ދޫކޮށްލުމުން މިހާރު އެ ފިލްމުގެ ބަތަލާގެ ރޯލް ކިއާރާ އަދްވާނީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ފިލްމްގެ ޓީމުން އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ.

އެ ފިލްމަށް ޝާހިދާ އެކު، ކިއާރާ ހަމަޖެހިއްޖެ ނަމަ ވެގެން ދާނީ ފިލްމަކުން ދެ ތަރިންގެ ޖޯޑު ފެނިގެން ދާނެ ފުރަތަމަ ފަހަރަށެވެ. ޝާހިދާއި ކިއާރާ ދާދި ފަހުން ވަނީ އެކުގައި ވީޑިއޯ ލަވައެއް ކުޅެފަ އެވެ. އެކަމަކު އެ ލަވަ ރިލީޒެއް ނުކުރެ އެވެ.