ބޮލުގައި އަޅާ ލުއި ބައްތިއެއް
ބޮލުގައި އަޅާ ލުއި ބައްތިއެއް

ރޭގަނޑުގެ ކަނު އަނދިރީގައި ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ ވަރަށް ކަންބޮޑުވެއެވެ. ޚާއްސަކޮށް ކުރާ މަސައްކަތުގެ ގޮތުން ނުވަތަ ކަސްރަތަށް ވިޔަސް މީހުން އާންމުކޮށް ނޫޅޭ ފަޅު ހިސާބުތަކަށް އަނދިރީގައި ދާން ޖެހިއްޖެ ނަމަ ހާސްކަން އިތުރުވެއެވެ. މިފަދަ ދަނޑިވަޅުތަކުގައި އެންމެ ގާތް އެކުވެރިޔަކީ ބައްތިއެވެ. ދުނިޔޭގެ ބައެއް ގައުމްތަކުގައި މިފަދަ ހާލަތްތަކުގައި އެންމެ ގިނައިން ބޭނުންކުރަނީ ބޮލުގައި އަޅާ ބައްތިއެވެ.

ބޮލުގައި އަޅާ ލުއި ބައްތިއެއް
ބޮލުގައި އަޅާ ލުއި ބައްތިއެއް

ބޮލުގައި އަޅާ ބައްތީގެ ވެސް އެކި ފެންވަރުގެ ބައްތި ހުރެއެވެ. މީގެ ގިނަ ބައްތިއަކީ ބޮލުގައި އަޅައިގެން ހުންނައިރު އިތުރު ތަކުލީފަކާއި ނުތަނަވަސްކަމެއް އިހުސާސްކުރުވާ ބައްތިއެކެވެ. ނިއްކުރިއާ ދިމާ ބޯމަތިން އަލިވާ ގޮތަށް ހުންނަ މީގެ ބައްތީގެ އެންމެ ބޮޑު މައްސަލައަކީ ބޮލަށް ބަރުވުމުގެ އިތުރުން ނިއްކުރި މަތިން ކައްސާލައިގެން މޫނުމައްޗަށް ވެއްޓޭ ގޮތްވުމެވެ. ބަޔޯލައިޓްއަކީ މިކަމަށް ވިސްނައިގެން އުފައްދާފައިވާ ބައްތިއެކެވެ.

ކަސްރަތަށް ނުކުމެ އުޅޭ މީހުންނަށާއި، ފަރުބަދަމައްޗާއި ވަލުތެރޭގައި ދަތުރުގޮސް އުޅޭ މީހުންނަށާއި މި ނޫނަސް އެކި ބޭނުންތަކުގައި އަނދިރީގައި މަސައްކަތްކުރަން ނުކުމެ އުޅެންޖެހޭ މީހުންނަށް އަމާޒުކޮށް އުފައްދާފައިވާ ބަޔޯލައިޓަކީ މޮޅު ފޮތީގައި ހަދާފައިވާ މޮޅު ބައްތިއެކެވެ. މީގެ އެންމެ ޚާއްސަ ކަމަކީ ނިތްކުރިއަށާއި ބޮލަށްވެސް ލުއިކުރުމަށްޓަކައި މީގެ ވައިރިންގް ފޮތީގެ ތެރެއަށް ފުރާފައިވާ ކަމެވެ. އާދައިގެ އެލްކަލައިން ބެޓެރީގެ ބަދަލުގައި ބޭނުންކުރަނީ ޗާޖުކުރެވޭ ޒާތުގެ ބެޓެރީއެވެ. މައިކްރޯޔޫއެސްބީ ޕޯޓަށް ޖަހައިގެން ޗާޖުކުރެވެއެވެ. އެއްފަހަރު ޗާޖުކޮށްގެން މެދުނުކެނޑި 40 ގަޑިއިރު ދިއްލައިގެން ބޭނުންކުރެވެއެވެ.

ބަޔޯލައިޓްގައި ބޭނުންކުރާ ބޮކީގައި 330 ލޫމެންގެ އަލިކަން ހުރެއެވެ. 4 މޯޑަކަށް އަލިކަން ބަދަލުކުރެވެއެވެ. ހަމަ އެއާއެކު ކުލައިގެ ތަފާތުތަކެއްވެސް ހުރެއެވެ. ލުއިކުރަން ކޮށްފަ ހުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މީގެ ބަރުދަނުގައި ހުންނަނީ 69ގްރާމެވެ. މީގެ އެހެނިހެން މަރުކާތަކުގެ ބައްތިއެކޭ އެއްގޮތަށް ބަޔޯލައިޓްގެ ވެސް ބޮކި ހުންނަނީ ނިއްކުރިމަތީގައެވެ. ބޮތްކަށް ބަރުނުކޮށް، މީގެ ބަރުދަން ބޮޑަށް ގޮސްފަ އޮންނަނީ ފަހަތަށެވެ. ވީމާ ބަޔޯލައިޓް އަޅައިގެން ހުންނައިރު ބޮލުގެ ފުށްކިބައިން މި ބައްތި ހުންނާނީ ރަގަޅަށް ބޮލުގައި ބަނދެވިފައެވެ. މިއީ، ރޭގަނޑު މަސްވެރިކަމަށް ނުކުންނަ މީހުންނަށް ވެސް ކަމުދާނެ އުފެއްދުމަކަށް ވެދާނެއެވެ.