27 ސެޕްޓެމްބަރ 2018 - 11:21

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 27) - ފިރިކަލުން އަދި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރު ވެއްޓެން މެދުވެރި ޚިޔާނާތުގެ ބޮޑު މައްސަލައިގެ ތުހުމަތުގައި ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރާ ތަހުގީގީ އޮފިޝަލުން 13 ގަޑިއިރުވަންދެން އިއްޔެ ސުވާލު ކޮށްފި އެވެ.

މުއްސަނދި ދިރިއުޅުމަކަށް ލޯބި ކުރެއްވި ރަސްމާ އެންޓި ކޮރަޕްޝަން އެޖެންސީ އަށް ހާޒިރު ކުރީ އިއްޔެ ހެނދުނު 10 ޖެހިއިރު އެވެ. އޭނާއާ ސުވާލު ކުރުމަށް ފަހު ނެރުނު އިރު ރޭގަނޑު 11 ޖަހަނީ އެވެ. އޮފިޝަލުން ބުނެފައި ވަނީ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީ ލޫޓްވާލި މައްސަލާގައި ރަސްމާއާ މިހާރު ކުރަމުން ދަނީ ތަހުގީގުގެ އެންމެ ފަހު މަރުހަލާގެ ސުވާލުތައް ކަމަށެވެ.
މިއީ މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބަށް ވެރިކަން ގެއްލުނު ފަހުން ރަސްމާއާ ސުވާލު ކުރި ދެ ވަނަ ފަހަރެވެ. އަގު ބޮޑު ތަކެތި ގަތުމަށް ބޭރަށް ކުރި ޚަރަދު ބޮޑު ދަތުރުތަކާއި އޭނާ ގެންގުޅުނު އެންމެ އަގު ބޮޑު ބްރޭންޑުގެ ދަބަސްތަކާއި ގަހަނާތަކުގެ ސަބަބުން އާއްމުންގެ ރުޅިވެރިކަން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ.
ނަޖީބާ ވެސް މިހާރު ވަނީ ދެ ފަހަރެއްގެ މަތިން އެންޓި ކޮރަޕްޝަން އެޖެންސީން ސުވާލުކޮށްފަ އެވެ. އެންމެ ފަހުން ސުވާލުކޮށްފައި ވަނީ 1އެމްޑީބީން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ 681 މިލިއަން ޑޮލަރުގެ މައްސަލައިގަ އެވެ. އެ މައްސަލަ 2015 ވަނަ އަހަރު ފަޅާއެރުމުން ނަޖީބުގެ ވެރިކަމުގައި ވަނީ އެކަން ތަހުގީގުކޮށްފަ އެވެ. ނަމަވެސް މައްސަލަ ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.
ނަޖީބުގެ ވެރިކަން ވެއްޓުނު ފަހުން އޭނާއާ ގުޅުން ހުރި ތަންތަނުން މެލޭޝިއާ ފުލުހުން ވަނީ 273 މިލިއަން ޑޮލަރުގެ ތަކެތި ހޯދައިފަ އެވެ. އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.