28 ސެޕްޓެމްބަރ 2018 - 12:36

ލަންޑަން (ސެޕްޓެމްބަރު 28) - މި ސީޒަނަށް ފަހު އެޑެން ހަޒާޑް ޗެލްސީގައި މަޑުކުރުވަން އުނދަގޫވާނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސެސްކް ފަބްރެގަސް ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑް ހޯދަން ސްޕެއިނުގެ ރެއާލް މެޑްރިޑުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު އޭގެން އެއްވެސް ކަމެއް ކާމިޔާބުނުވީ ހަޒާޑް ވިއްކާލަން ޗެލްސީން ބޭނުންނުވާތީ އެ ޓީމުން ކީ އަގުތައް ވެސް ބޮޑުވުމުންނެވެ.
މި ސީޒަން ނިމުމުން ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮންނާނީ އެންމެ އަހަރެކެވެ. އެހެންވެ މި ސީޒަނަށް ފަހު ހަޒާޑްގެ މުސްތަގުބަލާ ގުޅޭގޮތުން ޗެލްސީ އަށް ގޮތެއް ނިންމުމުގައި އުނދަގޫ ހާލަތެއް ކުރިމަތިވާނެ ކަމަށް ފަބްރެގަސް ގަބޫލުކުރެ އެވެ.
"މި ވަގުތު ޗެލްސީ އަށް ހަޒާޑް ބަހައްޓަން ވަރަށް ފަސޭހަ. އެއީ އޭނާގެ އެއްބަސްވުމުގައި ދެ އަހަރު އޮތުމުން. އެކަމަކު މި އަހަރު ނިމުމުން ދެން އޮންނާނީ އެންމެ އަހަރެއް. ހަޒާޑް އެއްބަސްވުން އާ ނުކޮށް އޮއްވައި މި ސީޒަން ނިމިއްޖެނަމަ ވަރަށް ގިނަ ކަންތައްތައް ބަދަލުވާނެ،" ކުރިން ބާސެލޯނާ އަށް ކުޅުނު ފަބްރެގަސް ބުންޏެވެ.
އޭނާ ބުނީ ހަޒާޑަށް ބޮޑު އަގެއް ހުށަހަޅަން އެއްވެސް ކްލަބަކުން ފަސް ނުޖެހޭނެ ކަމަށެވެ.
"އަންނަ ސީޒަން ފަށާއިރު ހަޒާޑްގެ އެއްބަސްވުމުގައި އޮންނާނީ އެއް އަހަރު. (އެއްބަސްވުން އާ ނުކޮށްފިނަމަ) އެ ހާލަތުގައި ނިސްބަތުން ކުޑަ އަގެއްގައި ވެސް ހަޒާޑް ވިއްކާލަން ޗެލްސީ އަށް ޖެހޭނެ. އެއީ އެއްބަސްވުމުގެ މުއްދަތު ހަމަކުރުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ހަޒާޑް ކްލަބް ބަދަލުކޮށްފިނަަމަ އެކަމުން ޗެލްސީ އަށް ގެއްލުންވާނެތީ،" ފަބްރެގަސް ބުންޏެވެ.
އޭނާ ބުނީ މި ވަގުތު ހަޒާޑް ހުރި ފޯމަށް ބަލާއިރު ޔޫރަޕްގައި އޭނާއާ އެއް ލެވެލެއްގައި ތިބީ މަދު ކުޅުންތެރިން ކަމަށާއި މި ސީޒަނުގައި މައުރީޒިއޯ ސާރީ ޗެލްސީއާ ހަވާލުވި ފަހުން ހަޒާޑްގެ ވިދުން ގަދަ ވެފައިވާ ކަމަށެވެ.
"މިސާލަކަށް ލިވަޕޫލް މި ފަހަރު ތަފާތު މޮޅަށް ކުޅެމުން އައި ޓީމާ ދެކޮޅަށް ހަޒާޑް ޖެހި ގޯލުން ވެސް ވަރަށް ގިނަ ކަންތައް ސާބިތުވާނެ. ފަހު 20 މިނިޓް ތެރޭގައި ނަތީޖާ ބަދަލުކޮށްލީ ހަޒާޑް ދެއްކި ތަފާތަކުން،" ލީގު ކަޕްގައި ލިވަޕޫލް އަތުން 2-1 އިން މޮޅުވި މެޗަށް އިޝާރާތްކޮށް ފަބްރެގަސް ބުންޏެވެ.
އޭނާ ބުނީ ދިގު މުއްދަތަަކަށް ޗެލްސީގައި ހަޒާޑް ބަހައްޓަން ބޭނުންނަމަ ވީ އެންމެ އަވަހަކަށް މިހާރު ހަދާފައި އޮތް އެއްބަސްވުން އާ ކުރުން މުހިއްމު ކަމަށެވެ.