ފައިސާ ނެތުމުން އީގަލްސް އިން ދެ ކުޅުންތެރިން ދޫކޮށްލައިފި
ފައިސާ ނެތުމުން އީގަލްސް އިން ދެ ކުޅުންތެރިން ދޫކޮށްލައިފި

މާލީ ހާލަތު ތަންނުދޭތީ ކްލަބް އީގަލްސްގެ ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ އާއި އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން ފޮނުވާލަން އެ ކްލަބުން ނިންމައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އިން ރޭ ތ. ތިމަރަފުށި އަތުން 9-0 އިން މޮޅުވި މެޗުގައި ލުއިޒް އެޑުއާޑޯ އާއި ޑިކްސަން ނުކުޅެ އެވެ.

އީގަލްސް އިން "މިހާރަ"ށް ބުނީ އެ ދެ ކުޅުންތެރިން ދޫކޮށްލަން ނިންމީ މި ވަގުތު ކްލަބްގެ މާލީ ހާލަތު ހުރި ގޮތުން ކަމަށާއި އެ ކުޅުންތެރިންގެ ކަންތައްތައް ހަމަޖައްސައިގެން ސީޒަނުގައި ކުރިއަށް ދެވޭނެ ގޮތެއް ނެތުމުން ކަމަށެވެ.

ޑިކްސަން އާއި ލުއިޒް އެޑުއާޑޯ ފޮނުވާލުމުން މި ވަގުތު އީގަލްސްގައި ތިބީ ބިދޭސީ ދެ ކުޅުންތެރިންނެވެ. އެއީ ސްރީލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އާއި އުޒްބެކިސްތާނުގެ ޑިފެންޑަރު ކޮމިލޯވް އަބްދުރަސުލް އެވެ.

މި ފަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އީގަލްސް އަށް ހޯދައިދިނުމުގައި ލުއިޒް އެޑުއާޑޯގެ ދައުރު ބޮޑެވެ. އޭނާ ވަނީ އެ ޓީމަށް ގިނަ ގޯލުތަކެއް ކާމިޔާބު ކޮށްދީފަ އެވެ. އަދި ޖޫން މަހުގެ ޓްރާންސްފާ މާކެޓްގައި އީގަލްސްއާ ގުޅުމަށް ފަހު މިހާތަނަށް ކުޅުނު މެޗުތަކުގައި ޑިކްސަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސާފް ސުޒުކީ ކަޕަށް ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން މިދިޔަ ޖުލައި މަހު 18 ވަނަ ދުވަހު ލީގު މެދުކަނޑާލަން ޖެހުނުއިރު، އޭގެ ފަހުން އަލުން މިދިޔަ މަހު ލީގު ފެށީ 70 ދުވަސް ފަހުންނެވެ. ބޮޑު މެދުކެނޑުމުގެ ފަހުން ލީގު އަލުން ފެށިއިރު ގިނަ ޓީމުތައް ވަނީ މާލީ ގޮތުން އަޑިގަނޑަކަށް ވެއްޓިފަ އެވެ.

ސަރުކާރު ކުންފުނިތަކުން ހިއްސާވެގެން ކްލަބްތަކަށް ހަރަދުކުރުމަށް ސަރުކާރުން ކަނޑައެޅި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ކްލަބްތަކަށް ނުލިބޭތީ އާއި އެކި އެކި ގޮތްގޮތުން ހުރި ގޮންޖެހުންތައް ގިނަ އެވެ.

ލީގުގައި މިރޭ ކުޅެން ހަަމަޖެހިފައި އޮތް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މެޗު ނުކުޅޭނެ އެވެ. އެއީ މުސާރަ ނުދިނުމާ އެ ނޫން ވެސް އެކިއެކި ސަބަބުތަކާ ހުރެ ވިކްޓަރީގެ މިރޭގެ މެޗަށް ހާޒިރުނުވާނެތީ އެވެ. އެގޮތަށް ނިންމީ ވިކްޓަރީ ހިންގަން ތިބި އެކްޓިވް ބޯޑު މެމްބަރުންނެވެ.

ކްލަބްތަކަށް ދިމާވެފައިވާ ހާލަތު ގޯސްވުމަކީ ފުޓްބޯޅަ އަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ޓީމުތަކުގެ ކޯޗުން އަންނަނީ ބުނަމުންނެވެ.