06 އޮކްޓޯބަރ 2018 - 08:56

ކަމަކާ ދެބަސްވެ އަރައިވުންވުމަކީ ހަމަ އާންމު ކަމެކެވެ. އެކަމަކު މިކަން ބޮޑު ގޯހަކަށް ވާނީ ގުޅުން ކެނޑިގެންދާ ގޮތަށް އަރައިރުންވެ، ކަންކަމަށް ބުރޫ އަރާ ނަމަ އެވެ. އެހެންވެ މަސައްކަތުގެ މާހައުލާއި ރައްޓެހިންގެ ތެރޭގައި ވެސް މިއީ ސީރިއަސްކޮށް ވިސްނައިލަން ޖެހޭ ކަމެކެވެ.
ފަހުގެ ދިރާސާއެއްގައި މި ވަނީ މިކަމަށް ވަރަށް ލުއި ހައްލެއް އޮތް ކަމަށް ބުނެފަ އެވެ. އެއީ ބައްދައިލުމެވެ.
ޕްލޮސް ވަންގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ކާނަޖީ މެލޮން ޔުނިވަސީޓީގެ ދިރާސާގައި ބުނެފައިވާ ގޮތުގައި ކަމަކާ އަރައިރުންވެ، ދެބަސްވާ ހާލަތްތަކުގައި މައްސަލަ އެންމެ އަވަހަށް އަދި އެންމެ ފަސޭހަކޮށް ހައްލުވާނެ ގޮތަކީ ދެ މީހުން އެކަކު ގައިގައި ބައްދައިލުމެވެ.
ހަތަރު ސަތޭކަ އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ބައްދައިލުމަކީ އަނެއް މީހާއާ ދޭތެރޭ ދެކެވޭ ނެގަޓިވް ވިސްނުންތައް ދުރުކޮށްލަދޭ ކަމެކެވެ.
މި ދިރާސާ ހެދި ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. މައިކަލް މާފީ ވިދާޅުވި ގޮތުގައި ނުރަނގަޅު ނިޔަތެއް ނެތް އާދައިގެ ބައްދައިލުންތަކަކީ މީހާގެ ނަފުސަށް ހިމޭންކަމާއި ހަމަޖެހުން ގެނުވައިދޭ ކަމެކެވެ. އެގޮތުން ބައްދައިލުމާއި އަތުގައި ހިފާލައި، ހިތްހަމަޖެހޭ ކަހަލަ ވާހަކައެއް ބުނެލުމަކީ ދެބަސްވުންތަކުން ދުރުކޮށް ދޭނެ ކަމެކެވެ.
"މިއީ ހަގީގަތުގައި އެކަކު އަނެކަކަށް އޮންނަ ގުޅުމާއި އިހުތިރާމު ވެސް ދައްކުވައި ދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ދިރާސާގައި ބުނީ ބައްދައިލުމަކީ މީހާ އަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ހިތްހަމަޖެހޭ އިހުސާސްތަކެއް ގެނުވައިދޭ ކަމަކަށްވާތީ، މިއީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް ރަނގަޅު އާދައެއް ކަމަށެވެ. އެގޮތުން ހާސްކަމާއި ފިކުރިތަކާއި އުދާސްތަކާއި އެކަނިވެރިކަން ބައްދައިލުމަކުން ބަދަލުކޮށްލެވޭނެ ކަމަށް ބުނެފައިވެ އެވެ.
"އަރައިރުންވުމަކީ ބައެއް ފަހަރު ކަންކަން ވަރަށް ބޮޑަށް ގޯހުން ގޯހަށް ވެސް ހިނގައި ދާނެ ކަމެއް. އެގޮތުން ޑިޕްރެޝަނާއި އެންޒައިޓީ އަށް މީހާ ހުށަހެޅި އަމިއްލަ އަށް މަރުވުން ފަދަ ނުރައްކާތެރި ވިސްނުންތަކަށް މަގުފަހި ކުރުވާނެ،" މައިކަލް ވިދާޅުވި އެވެ. "އެހެންވެ ގުޅުން ބަދަހިކޮށް، އެކަކު އަނަކެއްގެ މުހިއްމުކަމާއި ބޭނުންތެރިކަން ފާޅުކޮށް ދިނުމުގެ ގިތުން ވެސް ބައްދައިލުމަކީ ވަރަށް ރަނގަޅު ފަރުވާއެއް."