06 އޮކްޓޯބަރ 2018 - 09:21

މެންޗެސްޓާ (އޮކްޓޯބަރު 6) – ޕްރިމިއާ ލީގުގައި މިރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ފުރަތަމަ ހަތް މެޗަށް ފަހު ޔުނައިޓެޑް އޮތީ ޕްރިމިއާ ލީގުގެ 10 ވަނައިގަ އެވެ. މިދިޔަ ހަފުތާގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 އިން ބަލިވުމާ އެކު މި ސީޒަން ވެފައިވަނީ 29 އަހަރުގެ ތެރޭގައި ޔުނައިޓެޑުން އެންމެ ދަށްކޮށް ލީގު ފެށި ސީޒަނަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑުގެ ބޯޑު މެމްބަރުންގެ އިތުބާރު މޮރީނިއޯ އަށް ގެއްލިއްޖެ ކަމަށާއި މިރޭގެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އޭނާ ވަކިކުރާނެ ކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑާ 2016 ވަނަ އަހަރު ގުޅުނު މޮރީނިއޯ ވަނީ އެ ކްލަބަށް މިދިޔަ އަހަރު ޔުރޮޕާ ލީގާއި ލީގު ކަޕް ހޯދައިދީފަ އެވެ. އެކަމަކު އަދިވެސް އޭނާ އަށް ޔުނައިޓެޑް ވަރުގަދަ ބާރަކަށް ނެހެދެ އެވެ. ކާމިޔާބު ކޯޗު އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރުމުން ހަވާލުވި ޑޭވިޑް މޮއިސް އާއި އޭގެ ފަހުން ހަވާލުވި ލުއިސް ވެން ހާލް ފަދައިން މޮރީނިއޯ އަށް ވެސް ޓީމު އެކުލަވައިނުލެވެ އެވެ.
މޮރީނިއޯ އަށް ފަހަކަށް އައިސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޕައުލް ޕޮގްބާއާ މައްސަލަ ޖެހުމެވެ. އޭނާގެ އަތުން ވައިސް ކެޕްޓަންގެ މަގާމް އަތުލައި ފާޅުގައި ވަނީ ފާޑުކިޔައިފަ އެވެ. މޮރީނިއޯ ހަވާލުވެ ދުނިޔޭގެ ރެކޯޑް މުގުރާލައި 105 މިލިއަން ޔޫރޯ އަށް ގެނައި ޕޮގްބާ އަކީ އެ ކުޅުންތެރިއެއްގެ ވަށައި ޔުނައިޓެޑުގެ ޓީމު ބިނާކުރަން ސަޕޯޓަރުން ބޭނުންވި ކުޅުންތެރިއެކެވެ. އެކަމަކު އޭނާ މިހާރު ހުރީ ކްލަބް ދޫކޮށްލުމާ ގާތުގަ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.