ވައިޓް އެލާޓް، މި ވަގުތު އުތުރުގެ އަތޮޅުތަކަށް
ވައިޓް އެލާޓް، މި ވަގުތު އުތުރުގެ އަތޮޅުތަކަށް

މުޅި ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރައިގައި މި ވަގުތު އެންމެ އުތުރުގެ ހަ އަތޮޅަށް މެޓު އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.

އެކަމަކު މެޓުން ބުނާ ގޮތުގައި މިއަދު ވަކި ސަރަހައްދުތަކަށް އަވިދިނަސް ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ވެސް ދަނީ ވާރޭވެހެމުންނެވެ.

"މިއަދު ތަންކޮޅެއް އަވި ދީފައި އޮތަކަސް އަދި މޫސުން ރަނގަޅުވީކީ ނޫން،" މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސެން ވަހީދު ވިދާޅުވި އެވެ.

"އަދިވެސް އެކި ހިސާބުތަކަށް ވާރޭ ވެހެމުން ހަމަ އަންނަނީ."

މިއަދު 10:30 އިން ހަވީރު 4:30 އަށް ވައިޓް އެލާޓް ނެރުނީ ބ އަތޮޅުން ފެށިގެން ހއ. އާ ދެމެދުގެ އަތޮޅުތަކަށެވެ. އެ ސަރަހައްދަށް ގަޑިއަކު 16 މޭލުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާ އިރު ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުގެ އެލާޓްގައި ބުނެފައިވެ އެވެ.

ހުސެން ވިދާޅުވި ގޮތުގައި ޖުމްލަ ގޮތެއްގައި މުޅި ރާއްޖެ އަދިވެސް އޮތީ ވިއްސާރަކޮށެވެ.

މިދިއަ ހައެއްކަ ދުވަހު މާލޭ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭވެހިފައިވެ އެވެ.