08 އޮކްޓޯބަރ 2018 - 10:44

ލިއޯން (އޮކްޓޯބަރު 8) - އިންޓަޕޯލްގެ ރައީސްގެ މަގާމުން މިހާރުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށް މެންގް ހޮންގްވެއިގެ ފަރާތުން މެސެޖެއް ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް ޕޮލިސް އެޖެންސީން ބުނެފި އެވެ.

އިންޓަޕޯލްގެ ރައީސް ހޮންގްވެއި އިސްތިއުފާ ދީފައި މި ވަނީ އޭނާ ހައްޔަރުކޮށްފައިވާކަން ޗައިނާ އިން ޔަގީންކޮށްދިންތާ މާގިނައިރެއް ނުވަނީހެވެ. ޗައިނާ އަށް އުފަން ހޮންގްވެއި ގެއްލިފައި ވަނީ ފްރާންސްގެ ލިއޯން އިން ޗައިނާ އަށް ވަޑައިގަތް ފަހުންނެވެ.

ހޮންގްވެއިގެ އަނބިކަނބަލުން ގްރޭސް މެންގް، ލިއޯންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މެންގް ވަނީ ވަޅިއެއްގެ ފޮޓޯއެއް އޭނާ އަށް ފޮނުވާފައި ކަމަށެވެ. އަދި އެ ވަޅިއަކީ ފިރިކަލުން ނުރައްކަލުގެ ތެރޭގައިވާކަން އެންގުމުގެ ގޮތުން ދިން މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ. ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު އެ މެސެޖް ލިބުނު ފަހުން ހޮންގްވެއިގެ ޚަބަރެއް ނުވާ ކަމަށް ވެސް ގްރޭސް ވިދާޅުވި އެވެ. ނޫސްވެރިންނާ ވާހަކަ ދެއްކި އިރު ގްރޭސްގެ މޫނެއް ނުދައްކަ އެވެ. ގްރޭސް ވިދާޅުވީ އެއީ އޭނާ އާއި ދެ ކުދިންގެ ސަލާމަތަށް ކުރި ކަމެއް ކަމަށެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނީ ހޮންގްވެއި، 64، ޗައިނާގައި ހިފަހައްޓާފައި ވަނީ އޭނާއާ ސުވާލު ކުރުމަށް ކަމަށެވެ. އޭނާ ހިފެހެއްޓީ ކޮން މައްސަލައެއްގައި ސުވާލު ކުރަން ކަމެއް ނޭނގެ އެވެ.
އިންޓަޕޯލްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ވަޑައިގަތުމުގެ ކުރިން ހޮންގްވެއި އަކީ ޗައިނާގެ ޑިޕިއުޓީ މިނިސްޓަ އޮފް ޕަބްލިކް ސޭފްޓީ އެވެ. ކޮމިއުނިސްޓް ޕާޓީގެ ސީނިއާ އޮފިޝަލެއްގެ މަގާމުގައި ހުންނެވި ހޮންގްވެއި އަކީ ޖިނާއީ އަދުލާއި ޕޮލިސްގެ ދާއިރާގައި 40 އަހަރުގެ ތަޖްރިބާ ހުންނެވި ބޭފުޅެކެވެ.