އެންމެ ފަހުން ކަންގަނާ ރަނާވަތު ވެސް ވިކާސް ބަލްއާ ދެކޮޅަށް ނުކުމެއްޖެ
އެންމެ ފަހުން ކަންގަނާ ރަނާވަތު ވެސް ވިކާސް ބަލްއާ ދެކޮޅަށް ނުކުމެއްޖެ

ބޮލީވުޑްގައި ޖިންސީ ފުރައްސާރައާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ސިލްސިލާއެއް ފެށި އެތައް ބަޔަކު ވަނީ ބޭޒާރު ވެފަ އެވެ.

އެކްޓަރު ނާނާ ޕަޓޭކަރާއި ލަވަކިޔުންތެރިޔާ ކައިލާޝް ކޭރާއި ކުރީގެ އެކްޓަރު/މޮޑެލް ޒުލްފީ ސައިދާއި އެކްޓަރު ރަޖަތު ކަޕޫރް ފަދަ މީސްމީހުންގެ ވާހަކަތައް މިހާރު މީޑިއާތަކުގެ ފަލަ ސުރުހީތަކަށް ކޮންމެ ދުވަހަކު ވެސް އަރަ އެވެ. މި ލިސްޓަށް މާ ކުރިން އަރާފައި އޮތް ނަމަކީ "ކްއީން" އާއި "ޝާންދާރު" ފަދަ ފިލްމުތައް އުފެއްދި ޑައިރެކްޓަރު ވިކާސް ބާލް އެވެ.

އޭނާ ފިލްމެއްގެ މަސައްކަތުގައި އުޅެމުން އަންހެން ސްޓާފަކަށް ޖިންސީ ގޯނާކުރި މައްސަލައެއް 2015 ގައި ފެންމަތިވި އެވެ. އެކަމަކު މިއަދާ ހަމައަށް އެ މައްސަލަ އަށް މާ ބޮޑު ސަމާލު ކަމެއް ލިބިފައެއް ނެތެވެ. ނަމަވެސް ބޮލީވުޑްގައި ފުރައްސާރަތަކާ ދެކޮޅަށް އޮތް އޮއިވަރާ އެކު ވިކާސްގެ މައްސަލަ ވެސް މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

މި ހޫނުގަނޑުގެ ތެރޭގައި، އޭނާ ވެސް ހިއްސާވާ ގޮތަށް މީގެ ހަތް އަހަރު ކުރިން އުފެއްދި ފިލްމު ކުންފުނި ފެންޓަމް ފިލްމްސް ވެސް މިހާރު ވަނީ އުވާލައިފަ އެވެ.

އަނެއްކޮޅުން ރިތިކް ރޯޝަން ފަދަ އެކްޓަރުން ވިކާސްއާ އެކު މަސައްކަތް ކުރާތީ، ޑައިރެކްޓަރު ހެންސަލް މެހެތާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އައި ރުޅީގައި ޓްވިޓާ އަށް އަލްވަދާއު ކިޔައިފަ އެވެ. ވިކާސްގެ ކުރިއަށް އޮތް ފިލްމު ޖެނުއަރީ، 25، 2019 ގައި ރިލީޒް ކުރާ "ސުޕަ 30" ގެ ބަތަލަކީ ރިތިކް އެވެ.

ބަތަލާ ކަންގަނާ ރަނާވަތު އަށް ފިލްމު "ކްއީން" އިން 2014 ގައި އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދައި ދިން، ވިކާސްއާ ބެހޭ ގޮތުން އޭނާ ވެސް މިހާތަނަށް ހުރީ ވާހަކަ ނުދައްކައި ހިމޭނުންނެވެ. އެކަމަކު ކަންގަނާ ވެސް މިހާރު ވަނީ ވިކާސްއާ ދެކޮޅަށް ނުކުމެ "އިންޑިއާ ޓުޑޭ" ގައި އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ޑައިރެކްޓަރެއްގެ ފަރާތުން ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ނުލިބޭނެ ކަމުގެ ބިރުގައި، ޝިކާރަވެރިންގެ ވާހަކަ ނުދައްކައި މިހާރަކު ތިބޭނެ ކަމެއް ނެތެވެ. އެހެންވެ ހުރިހާ އެންމެން ވެސް އަޑު އުފުލަން ޖެހޭ ކަމަށް ކަންގަނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "ކްއީން" ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްވަރު ވިކާސްގެ ފަރާތުން އޭނާ އަށް އެތަކެއް ފަހަރު ޖިންސީ ފުރައްސާރަ ލިބުނެވެ.

"ފިލްމު ޝޫޓް ކުރި ދުވަސްވަރު އޭނަ ވަރަށް ގިނައިން އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލައި، ކަނދުރާގައި ބޮސްދީ، އިސްތަށިގަނޑުގެ ވަސް ބަލައި ހަދާނެ،" ކަންގަނާ ބުންޏެވެ. "އަދި އާންމުކޮށް ދިމާވީމަ ވެސް އޭނަގެ ފަރާތުން ހަމަ އެކަންކަން ތަކުރާރުވަމުން ދިޔަ. އެއީ އަބަދު ވެސް އަހަރެން އޭނަގެ ފަރާތުން ވަރަށް ގަޔާނުވި ކަމެއް."

ކަންގަނާ ބުނި ގޮތުގައި ކައިވެނި ރޫޅިފައިވާ ވިކާސްއަކީ ޖިންސީ ގުޅުން ހިންގުމަށް ދެވިހިފައިވާ މީހެކެވެ. އެގޮތުން "ކްއީން" ޝޫޓް ކުރަން އެކި ގައުމުތަކަށް ދަތުރު ކުރި، ކޮންމެ ދުވަހަކު ވެސް އާ މީހަކާ އެކު އޭނާ އުފާ ހޯދާކަން އެނގޭ ކަމަށް ބުންޏެވެ.

"އޭރު އަދި އަހަރެން މާ އަވަހަށް ނިދާތީ އެކަމާ ވެސް ވިކާސް ފާޑު ކިޔައި، ޖޯކު ޖަހާނެ،" އޭނާ ބުންޏެވެ.

ކަންގަނާގެ އިތުރުން އެހެން ބަތަލާއަކު ވެސް ވަނީ ވިކާސްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފަ އެވެ. ނަން ހާމަ ނުކުރާ ގޮތަށް "މިސް މާލިނީ" އަށް އޭނާ ބުނީ މަސްތުވެގެން ހުރެ، ގަދަކަމުން ވިކާސް އޭނާ އަށް ދޮންދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ނާނާ ޕަޓޭކަރާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާ އެކު، ބޮލީވުޑް މިހާރު އޮތީ ނިދިން ހޭލައިފަ އެވެ. ފިލްމީ ދާއިރާގެ އަނދިރި ފަރާތުގެ ވާހަކަ ކުރިން ނުދައްކާ ވަރަށް މި ވަނީ ތިލަ ވާން ފަށައިފަ އެވެ. ސުވާލަކީ މި ފަހަރު ކިތައް ފަންނާނުންގެ އަސްލު ސޫރަ މި ފަހަރު ހާމަ ވާނެ ބާވަ އެވެ؟