ވިކްޓޯރިއާޒް ސިކްރެޓްގެ ސުޕަ މޮޑެލެއް ރާއްޖޭގައި ކައިވެނި ކޮށްފި
ވިކްޓޯރިއާޒް ސިކްރެޓްގެ ސުޕަ މޮޑެލެއް ރާއްޖޭގައި ކައިވެނި ކޮށްފި

ވިކްޓޯރިއާޒް ސިކްރެޓް ޝޯތަކުގެ ރަންވޭ އިން އާއްމުކޮށް ފެންނަ ސުޕަ މޮޑެލެއް ކަމަށްވާ އިސަބެލީ ފޮންޓާނާ، މިދިޔަ ހަފުތާގައި ރާއްޖޭގައި ކައިވެނި ކޮށްފި އެވެ.

އިސަބެލީގެ އިންސްޓަގްރާމްގައި އޭނާ ސޮނޭވާ ފުށި ރިޒޯޓުގައި ބޭއްވި ކައިވެނީގެ ކުޑަ ހަފުލާގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ދައްކާލާފައިވެ އެވެ. ބްރެޒިލަށް އުފަން އިސަބެލީ ކައިވެނި ކުރީ ޑިއޭގޯ ފެރޭރޯ ކިޔާ ލަވަކިޔުންތެރިޔަކާ އެވެ.

ސޮނޭވާފުށީގައި ބޭއްވި މި ބީޗް ވެޑިންއަށް އިސަބެލީ ލައިގެން ހުރީ ބްރެޒިލްގެ ސްވިމްވެއާ ބްރޭންޑް އަގުއާ ދު ކޮކޯގެ ހުދުކުލައިގެ ތުނި ލޭސް ހެދުމެކެވެ. ވޯގް ބްރެޒިލްގެ އިންސްޓަގްރާމް ޕޭޖުގައި އިސަބެލީގެ ބީޗް ވެޑިން ހެދުމުގެ ސްކެޗެއް ދައްކާލާފައިވެ އެވެ. އޭނާގެ ހުދު ހެދުމުގައި ހުދު މިނާ ބޭނުންކޮށްގެން ފަންތަކެއް ގޮތަށް ހުންނަ ޑިޒައިންތަކެއް ހުއްޓެވެ.

އިސަބެލީގެ ކައިވެންޏަށް އިސްތަށިގަނޑު ސްޓައިލްކޮށްދީ މޭކަޕް ކޮށްދީފައި ވަނީ ރޮޑްރިގޯ ކޮސްޓާ އެވެ. އޭނާގެ އިސްތަށިގަނޑު ހުޅިއަކަށް ސްޓައިލްކޮށް މާ ޖެހި ދަތި ބޭނުންކޮށްގެން ޖަރީކޮށްލާފައިވެ އެވެ. އަދި މޭކަޕް ވެސް ވަރަށް ސާދާ ގޮތަކަށް ޖައްސާލައިފަ ހުއްޓެވެ.

މިދިޔަ މަހު އިސަބެލީގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ އަދި ސުޕަ މޮޑެލް އެނާ ބިޓްރިޒްގެ ކައިވެނި ހަފުލާ ބާއްވާފައި ވަނީ ބީޗް ނުވަތަ ސަމާ ވެޑިން ސްޓައިލަކަށް ގްރީސްގަ އެވެ.