08 އޮކްޓޯބަރ 2018 - 23:21

މާލޭގައި މިރޭ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
އޭނާ އަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެކަމަކު ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މަންޒަރުދުށް މީހަކު ބުނިގޮތުގައި، އެ ޒުވާނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ، ޕިކަޕެއްގަ އެވެ. ފަރުވާދޭން ހޮސްޕިޓަލަށް ވެއްދިއިރު، މެޔާ ދިމާލުން ގިނަ އަދަދަކަށް ލޭ ފޭބި ކަމަށް އޭނާ ބުންޏެވެ.
"ބެލެވެނީ، މެޔަށް ވަޅި ހަރާފައި ހުރި ކަމަށް،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.
ސޯޝަލްމީޑިއާގައި އާއްމުވެފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި، ވަޅި ހެރުމުން އޭނާ މަގުމައްޗަށް ވެއްޓިފައި އޮތްއިރު، ބިންމަތީގައި ވެސް ވަނީ ލޭކޯރު ދެމިފަ އެވެ. ކައިރީގައި ސައިކަލެއް ވެއްޓިފައި އޮތެވެ. ބެލެވޭ ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އާއްމުންގެ ބައެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މަޖީދީމަގު، އޮލިމްޕަސް ކައިރީގައި މިރޭ ހިންގި މާރާމާރީއެއް ތަހުގީގުކުރަން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.