09 އޮކްޓޯބަރ 2018 - 21:17

އިސްތަންބޫލް (އޮކްޓޯބަރު 9) - ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝޮގީ ފެނޭތޯ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ބަލައި ފާސްކުރަން ތުރުކީން ނިންމައިފި އެވެ.
ތުރުކީގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ ކޮންސިއުލޭޓް ބަލައި ފާސްކުރަން ސައުދީން ވެސް ހުއްދަ ދީފައިވާ ކަމަށެވެ.
ޚާޝޮގީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކޮންސިއުލޭޓަށް ވަންނަނިކޮށެވެ. ގައުމުން ބޭރުގައި ދިރިއުޅޭ ސައުދީ ނޫސްވެރިޔާ ކޮންސިއުލޭޓަށް ދިޔައީ ރަސްމީ ލިޔެކިޔުންތަކެއް ފުރިހަމަ ކުރާށެވެ. ތުރުކީގެ ބައެއް ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ކޮންސިއުލޭޓް ތެރޭ ޚާޝޮގީ މަރާލީ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ހަމަ އެ ދުވަހު ތުރުކީ އަށް ދިޔަ ސައުދީގެ 15 މެންބަރުންގެ ގްރޫޕަކުން ކަމަށް ވެސް ބުނެފައިވެ އެވެ. ސައުދީން އެ ތުހުމަތު ދޮގު ކުރެ އެވެ.
ތުރުކީން ބުނެފައި ވަނީ ޚާޝޮގީ ކޮންސިއުލޭޓުން ނުކުމެފައި ނުވާ ކަމަށެވެ. އަދި އޭނާ ކޮންސިއުލޭޓުން ނުކުމެގެން ދިޔަ ކަމުގެ ހެކި ދެއްކުމަށް ތުރުކީން ވަނީ ސައުދީގައި އެދިފަ އެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ޚާޝޮގީ އަށް ވީގޮތެއް ބަލަން ސައުދީން ވެސް ބޭނުންވާ ކަމަށެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔާ އެ ގައުމުގެ ނޫހެއްގައި ލިޔަން ފެށުމުން އަމިއްލަ ފުރާނަ އަށް ނުރައްކާވާން ފެށުމުން ޚާޝޮގީ ވަނީ ސައުދީ ދޫކޮށް އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. ޚާޝޮގީ ވަނީ އަލް ވަތަން ނޫހުގެ އެޑިޓަރުކަން ވެސް ކޮށްފަ އެވެ. އޭނާ ވަނީ ވޮޝިންޓަން ޕޯސްޓަށް ކޮލަމެއް ލިޔަން ފަށައިފަ އެވެ. ޕޯސްޓުން ބުނީ ޚާޝޮގީ ގެއްލުނު މައްސަލާގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދަން އެމެރިކާ އިން ވެސް ޑިމާންޑް ކުރަން ޖެހޭ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު އިސްތަންބޫލް ކޮންސިއުލޭޓަށް ޚާޝޮގީ ދިޔައީ އޭނާ ކުރިން ކައިވެނިކުރި ސައުދީ އަންހެން މީހާގެ ވަރީގެ ސެޓްފިކެޓް ހޯދާށެވެ. އެއީ ތުރުކީ އަންހެނަކާ އޭނާ އަންނަ ހަފުތާގައި ކައިވެނި ކުރާށެވެ.