11 އޮކްޓޯބަރ 2018 - 16:22

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ރައީސް ޔާމީން ބޮޑު ތަނުން ބަލިވި އިންތިޚާބު ބާތިލްކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ރޭ ވަނީ ބަލައިގެންފަ އެވެ. އެ މައްސަލައަށް އަންނަ ހޮނިހިރު ދުވަހު ލިޔުމުން ޖަވާބުދޭން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ވަނީ އަންގައިފަ އެވެ.
އާދިއްތަ ދުވަހު މެންދުރު ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށާ އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. ޕީޕީއެމުން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، އެ ކޮމިޝަނަށް ފާޑު ކިޔަމުންނެވެ.
އިންތިޚާބުގެ ނަތީޖާ ބާތިލްކުރަން ހުށަހެޅިއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކާއި ޖަމްއިއްޔާތަކުން ވަނީ އިންތިޚާބުގެ ނަތީޖާ ބަލައިގަނެ، އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ދަންނަވަމުންނެވެ. އިންތިޚާބުގެ ނަތީޖާއަށް ފަހު ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާ އެކު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ބޭރުގެ ޖަމާއަތްތަކަށް ވެސް ދީފަ އެވެ.