11 އޮކްޓޯބަރ 2018 - 20:32

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށާއި ފޯމު ހުށަހަޅަން މިހާރު ދީފައިވާ މުއްދަތު އިތުރުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނެފި އެވެ.
ނަމަވެސް ފޯމު ބަލައިގަންނަން ފަށާނެ ދުވަހެއް އެ ކުންފުނިން ނުބުނެ އެވެ.
ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ހުރިހާ ކަމެއް ހައުސިން މިނިސްޓްރީން ކުރަމުން އައިސް މިއަދު ކުއްލި ގޮތަކަށް ވަނީ އެ ހުރިހާ ކަމެއް އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އެއާ އެކު އެޗްޑީސީ ދޮށުގައި މީހުން ކިއޫ ހެދި އެވެ. ނަމަވެސް ފޯމު ބަލައިގަތުމުގެ މަސައްކަތް އަދި އެތަނަކުން ނުފަށަ އެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ފޯމު ދޫކުރުމާއި ބަލައިގަތުން މިހާރު ކުރިއަށްގޮސްފައިވާ ހިސާބާއި އަދި އެކަން ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ފޯމު ބަލައިގަންނަން ހަމަޖައްސާފައިވާ މުއްދަތު ވެސް އިތުރުކޮށް އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
ހައުުސިން މިނިސްޓްރީން މިހާރު ދޫކޮށްފައިވާ ނަންބަރުތަކުގެ ތަރުތީބުން ފޯމު ބަލައިގަނެ އަދި އިތުރު ފޯމު ހުށަހަޅަން އެކަށީގެންވާ މުއްދަތު ދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
"މިގޮތަށް މިކަން ހަމަޖެއްސުމުގެ އެންމެ ބޮޑު މަގުސަދަކީ ފޯމު ހުށަހެޅުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ،" އެޗްޑީސީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ނިންމައިފަ އެވެ. އެއީ 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯއްޗެވެ.
ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް އެތައް ސަތޭކަ ބަޔަކު ހައުސިން މިނިސްޓްރީ ދޮށުގައި ރެޔާއި ދުވާލު ކިޔޫ ހަދައިގެން ތިބެ މި ހަފުތާ ތެރޭގައި 5،000 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފަ އެވެ. ފޯމު ބަލައިގަތުމުގެ މަސައްކަތް އެޗްޑީސީ އަށް ބަދަލުކުރީ ނަންބަރު ނަގައިގެން އެތައް ސަތޭކަ ބަޔަކު ކިއޫގައި ތިއްބަ އެވެ. އެހެންވެ މިއަދު އެތަނުގައި ތިބި ބައެއް މީހުން ރުޅިގަދަވެ ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ވެސް ހިނގި އެވެ.