13 އޮކްޓޯބަރ 2018 - 10:58

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުން ކްލަބް ވެމްކޯ އަތުން ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ކުޅުނު މެޗުން ވެމްކޯއާ ވާދަކޮށް ފޮނަދޫ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-21، 25-22 އަދި 25-18 އިންނެވެ. މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ ކުރި އެއް ޓީމަކީ ފޮނަދޫ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އިން ހޯދިއިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައިޝަތު މާޖިދާ އެވެ. މާޖިދާގެ އިތުރުން މި މުބާރާތުގައި ފޮނަދޫ އަށް ކުޅެމުން އަންނަ ސެޓަރު ޖޫޒާން ޒަރީރު އަކީ އެސޯސިއޭޝަން ކަޕްގައި ވެމްކޯ އަށް ކުޅުނު ކުޅުންތެރިއެކެވެ.
އެންމެ ފަހުން ދެ ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުން މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. އަންހެން ޑިވިޝަނުގައި ވާދަކުރާ އަނެއް ޓީމަކީ އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބް އެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ތިން ޓީމުގެ މެދުގައި ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށްދާ ގޮތަށެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެން އޮތް ދެ ޓީމު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެކެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބުނު މުއްދަތަށް މުބާރާތްތައް ފައްތަން ޖެހޭތީ މި ފަހަރު ގައުމީ ލީގުގެ އަންހެން އަދި ފިރިހެން މުބާރާތް ނުބާއްވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ނިންމައިފަ އެވެ.
ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ މުބާރާތް މިއަދު ފަށާނެ އެވެ. މި ފަހަރުގެ މުބާރާތުގައި ހަތް ޓީމު ވަނީ ދެ ގްރޫޕަަކަށް ވަނީ ބަހާލައިފަ އެވެ. ގްރޫޕް އޭ ގައި ހިމެނެނީ ޕޮލިހާއި ހުޅުމާލެ ސްޕޯޓްސް ކްލަބް، ހޯކްސް ސްޕޯޓްސް ކްލަބް އަދި އާއި ސްޕޯޓްސް ކްލަބް އެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބް އަދި މަލްސަން ސްޕޯޓްސް ކްލަބް އެވެ.
މިއަދު ހަވީރު އޮންނާނީ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަނުގައި ޕޮލިހާއި ފޮނަދޫ ކުޅޭ މެޗެވެ. މިރޭ އެސޯސިއޭޝަން ކަޕްގެ ފިރިހެން މުބާރާތް ފަށާނީ ޕޮލިހާއި ހުޅުމާލެ ކުޅޭ މެޗުންނެވެ.