14 އޮކްޓޯބަރ 2018 - 07:38

ޓިމް ކުކް ޗައިނާ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން އިންޓަނެޓް ޚަބަރުތައް ބުނަނީ އެއީ ވިޔަފާރި ރަނގަޅުކުރަން ކުރައްވާ ދަތުރެއް ކަމަށެވެ. ހަގީގަތަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ. އައިފޯނު މަރުކާގައި އެޕަލް އިން އެންމެ ފަހުން ނެރުނު މޮޑެލްތައް، ޚާއްސަކޮށް "އައިފޯން އެކްސްއެސް"ގެ ވިޔަފާރި ޗައިނާގައި އެހާ ރަނގަޅު ކަމަކަށް ނުވެ އެވެ.
އެޕަލްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޓިމް ކުކް ޗައިނާ އަށް ކުރައްވާ ދަތުރާ ބެހޭ ގޮތުން ވިސްނާލާއިރު، ދަތުރުގެ އަސްލު ބޭނުން އޮތީ އެހެން ގޮތަކަށެވެ.
ޗައިނާ އަށް ދަތިކުރަން އެމެރިކާއިން އަޅާފައި އޮތް ފިޔަވަޅުތައް، އެޕަލް އަށް ބޮޑު ބުރައަކަށް ވެދާނެ އެވެ. ދެ ގައުމުގެ ދެމެދުގައި ކުރެވޭ ހޫނު ބަހުސްތައް ހަމައިންނައްޓާލައި ބުރައިގެންދާ އެތިފަހަރުތައް އެޕަލް ކަހަލަ ވިޔަފާރި ކުންފުނިތަކަށް އެރުމަކީ ކައިރި ކަމެކެވެ. ޓެކްނޮލޮޖީ މާކެޓްގައި އެޕަލް އަށް އޮތް ހައިސިއްޔަތާއި ތަނަވަސްކަމުގެ އަސްލަކީ ޗައިނާ އެވެ. ވިޔަފާރިކުރުމުގައި ޗައިނާއިން ދީފައި އޮތް ފަސޭހަތެކެވެ.
ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ ބައެއް މުދަލުން ނަގާ ޓެކްސް ޓްރަމްޕް ސަރުކާރުން ބޮޑުކޮށްފައި ވާތީ، ރައްދު ފިޔަވަޅު އަޅަށް ޗައިނާ އަށް ވެސް ވަނީ މަޖުބޫރުވެފަ އެވެ. ނަތީޖާއަކަށް ވާނީ ޗައިނާގައި އުފައްދާ މުދާ އަގުބޮޑުވުމެވެ. ޓިމް ކުކް ޗައިނާ އަށް ވަޑައިގަތީ މި މައުލޫ ވެސް ހިއްޕަވައިގެންނެވެ. ހައްލަކަށް މަޝްވަރާކުރެއްވުމަށެވެ. މިއީ އަދި އެކަމަކު ސިއްރެކެވެ.
އައިފޯން ވިޔަފާރި ޗައިނާގައި މިހާރު އެހާ ރަނގަޅެއް ނޫނެވެ. އަސްލު ސަބަބަކީ އައިފޯނުތަކުގެ އަގު ބޮޑުވުމެވެ. ވާދަވެރި މާކެޓްގައި ޗައިނާގެ ސްމާޓްފޯން ކުންފުނިތަކުގެ ދައުރު ވެސް ވަރަށް ބޮޑެވެ. ވާވޭ، އޮޕޯ، ޝޯމީ އަދި ވަންޕްލަސް ވެފައި ވަނީ، އައިފޯނުތަކާ އަޅާކިޔާއިރު، ނުއަގުގައި ފޯނު ވިއްކާ ކުންފުނިތަކަކަށެވެ. މި އަހަރު އެޕަލް އިން ނެރުނު އައިފޯނު މަރުކާގެ ފޯނުތަކަށް ޗައިނާ މީހުން ކުރާ އުންމީދަށް ވުރެ، އަދި ލޯންޗްނުކުރާ "ވާވޭ މޭޓް 20 ޕްރޮ" އަށް މަޑުކޮށްގެން ތިބި މީހުން ގިނަ އެވެ.