16 އޮކްޓޯބަރ 2018 - 15:53

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ޖެހި ފާހަގަތައް އަމިއްލަ އަށް ބަދަލުވި ކަމަށް ބުނާތީ، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ލިބިފައިވާ ވޯޓަކީ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓު ކަމަށް ކަނޑައަޅައިދޭން އެދި ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބީ ޝަކުވާގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުލްމާނިއު ހުސައިނެވެ.
އެ މައްސަލާގައި ބުނެފައިވަނީ އިންތިޚާބުގައި ރައީސް ޔާމީންގެ ނަމާ ދިމާލުގައި ފާހަގަ ޖެެހުމުން އިބްރާހިމް އިބޫގެ ނަމާ ދިމާލަށް އެ ފާހަގަ ފޭދޭ ކަމަށާއި އަދި އިބޫގެ ނަމާ ދިމާލުގައި ފާހަގަ ޖެހުމުން ރައީސް ޔާމީންގެ ނަމާ ދިމާލަށް އެ ފާހަގަ ފޭދުނު ކަމަށެވެ.
އެހެންވެ، ދާއިމީ ނަތީޖާގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓަކީ އިބޫއަށް ލިބިވަޑައިގަތް ވޯޓު ކަމަށް ކަނޑައަޅައި ދިނުމަށާއި އިބޫއަށް ލިބުނު ވޯޓަކީ ރައީސް ޔާމީނަށް ލިބިވަޑައިގަތް ވޯޓު ކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެދޭ ކަމަށް ވަނީ ބުނެފަ އެވެ.
އެ މައްސަލަ ބިނާ ކޮށްފައި އޮތީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ޕީޕީއެމްގެ މުޒާހަރާއެއްގައި ދާދިފަހުން ދެއްކެވި ކަމަށް ބުނާ ވާހަކަތަކަކަށެވެ. ރައީސް ޔާމީންގެ ނަމާ ދިމާލުގައި ފާހަގަ ޖެހުމުން އިބޫ ނަމާ ދިމާލަށް އެ ފާހަގަ ތިރިވި ކަމަށް އެ އެއްވުމުގައި މުއާޒު ވިދާޅުވެފައިވާ ކަމަށާއި އެހެންވެ ހެކިވެރިއެއްގެ ގޮތުގައި މުއާޒުގެ ހެކިބަސް ނަގައި ދިނުމަށް އެދޭ ކަމަށް އެ މައްސަލާގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން ވަކި ގޮތެއް ނިންމިކަން ސާފެއް ނުވެ އެވެ. އެކަމުގައި ހައި ކޯޓުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހެޅިއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އިންތިޚާބު ބާތިލްކުރަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގެ އަޑުއެެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.