ރޭޕުގެ ތުހުމަތު ކުރި އިންޑިއާގެ ވަޒީރު އިސްތިއުފާ ދީފި
ރޭޕުގެ ތުހުމަތު ކުރި އިންޑިއާގެ ވަޒީރު އިސްތިއުފާ ދީފި

ނިއު ދިއްލީ (އޮކްޓޯބަރު 18) - އިންޑިއާގެ ޖޫނިއާ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އެމް.ޖޭ އަކްބަރުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތާ އެކު އޭނާ އިސްތިއުފާ ދީފި އެވެ.

"އަހަރެންގެ އަމިއްލަ ހައިސިއްޔަތުން މި މައްސަލާގައި އިންސާފު ހޯދަން ކޯޓަށް ދާން ނިންމާފައިވާ އިރު މި ދޮގު ތުހުމަތާ ކުރިމަތިލުމަށް އިސްތިއުފާ ދިނުމަށް ނިންމައިފިން،" އަކްބަރު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އަކްބަރު، 67، އިސްތިއުފާ ދީފައި މި ވަނީ ވަޒީރުގެ މައްޗަށް ޖިންސީ ގޯނާ ކުރި ނޫސްވެރިޔާ ޕްރިޔާ ރަމާނީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅިތާ ދެ ދުވަސް ފަހުންނެވެ. އަކްބަރު ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް ކުރި ތުހުމަތުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.

ރަމާނީ ބުނީ އަކްބަރު ހުށަހެޅި މައްސަލައާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށެވެ.

އިންޑިއާގެ #މީޓޫ މޫވްމަންޓުގައި އަކްބަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޒުވާން އަންހެން ކުދިން ހޮޓާތަކަށް ގެންދަން އޭނާ ދައުވަތު ދީފައިވާ ކަމަށެވެ. މީގެ އަހަރެއް ކުރިން ވޯގް އިންޑިއާ އަށް ނޫސްވެރިޔާ ރަމާނީ ލިޔުނު ލިޔުމެއް އޭނާ މިދިޔަ ހަފުތާގައި ވަނީ ރިޓްވީޓް ކޮށްފަ އެވެ. އެ އާޓިކަލްގައި އޭނާ ވަނީ މަސައްކަތުގެ މާހައުލުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އޮރިޖިނަލް އާޓިކަލްގައި އެއްވެސް މީހެއްގެ ނަން ރަމާނީ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފަހުގެ ޓްވީޓްގައި ރަމާނީ ބުނެފައި ވަނީ އެ އާޓިކަލް ލިޔެފައި ވަނީ އަކްބަރާ ބެހޭ ގޮތުން ކަމަށެވެ.

އޭގެ ފަހުން ފަސް އަންހެނަކު ވަނީ އަކްބަރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފަ އެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ އެޑިޓަރުންގެ ތެރޭގައި ހިމެނޭ އަކްބަރު ވަނީ އިނގިރޭސި ބަހުން ނެރޭ ނޫސްތައް ކަމަށްވާ ދަ ޓެލެގްރާފް އަދި ދި އޭޝިއަން އޭޖުގެ އެޑިޓަރުކަން ކުރައްވައިފަ އެވެ.