20 އޮކްޓޯބަރ 2018 - 12:15

ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 20) - މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ނައިބް އަދި މިހާރުގެ އިދިކޮޅު ލީޑަރު އަހުމަދު ޒާހިދު ހާމިދީގެ މައްޗަށް ތުހުމަތު ކުރެވޭ 26 މިލިއަން ޑޮލަރުގެ ކޮރަޕްޝަން މައްސަލައިގެ ދައުވާ ކުރިއަށް ގެންގޮސްފި އެވެ.

އުމުރުން 65 އަހަރުގެ ހާމިދީގެ މައްޗަށް ވަނީ ސަރުކާރުގެ ކޮންޓްރެކްޓްތައް ދިނުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލައިފަ އެވެ. މީގެ ތެރޭގައި މަނީ ލޯންޑްރިންގެ 27 މައްސަލައަކާއި ރިޝްވަތުގެ އަށް މައްސަލައެއް ހިމެނެ އެވެ. މި ހުރިހާ މައްސަލައެއްގައި ހިމެނޭ ފައިސާގެ ޖުމްލަ 111 މިލިއަން ރިންގިޓް (26.6 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އޭނާ ވަނީ މި ތުހުމަތުތަކާ ދެކޮޅު ހައްދަވައިފަ އެވެ.
"މި ހުރިހާ ތުހުމަތަކާ ކުރިމަތިލާން ތައްޔާރަށް މި ހުރީ،" ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ) ގެ ލީޑަރު ވިދާޅުވި އެވެ.
ހާމިދީގެ މައްޗަށް ދައުވާ އުފުލި ޝަރީއަތުގެ މަޖިލީހަށް ނަޖީބު ވެސް ވަޑައިގެންނެވި އެވެ. ނަޖީބުގެ މައްޗަށް ވެސް މިހާރު ދަނީ ބޮޑު ވަޒީރު ކަމުގައި ހިންގި ކޮރަޕްޝަނުގެ މައްސަލަތަކުގެ ޝަރީއަތް ހިންގަމުންނެވެ.
ހާމިދީ ވަނީ ދެ މިލިއަން ރިންގިޓުގެ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް ދެން އޮންނާނީ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ ބުރާސްފަތި ދުވަހު އެވެ.