20 އޮކްޓޯބަރ 2018 - 08:44

ލިވަޕޫލް (އޮކްޓޫބަރު 20) - ޔުއެފާ އިން ދާދި ފަހުން ތައާރަފްކުރި ޔުއެފާ ނޭޝަންސް ލީގަކީ އެހެން ގޮތަކަށް ރާވައިގެން ކުރިއަށްގެންދަން ރަނގަޅު މުބާރާތެއް ކަމަށް ބުނެ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަނެއްކާ ވެސް އެ މުބާރާތަށް ފާޑުކިޔައިފި އެވެ.
ޔުއެފާ އިން މި ފަހަރު އަލަށް ތައާރަފްކުރި ނޭޝަންސް ލީގަކީ ހަތަރު ކެޓަގަރީ އަކަށް ބަހާލައިގެން ރޭވިފައި އޮތް މުބާރާތެކެވެ. އެ މުބާރާތުގެ ތަށްޓައް ވާދަކުރެވޭނީ އެ ފަހަރެއްގައި ފުރަތަމަ ކެޓަގަރީގައި އޮންނަ ޓީމުތަކަށެވެ. ދެން އޮތް ތިން ކެޓަގަރީ އަކީ ކޮލިފިކޭޝަނެކެވެ. ޔުއެފާ އިން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ވެސް ކުރިއަށްދާނީ މީގެ ތެރެއިންނެވެ.
ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ރޭންކިންގެ ގޮތުން އެންމެ ކުރީގައި އުޅޭ 12 ޓީމެވެ. އެ ޓީމުތައް ތިން ޓީމު ހިމެނޭ ގޮތަށް ހަތަރު ގްރޫޕަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން އެއް ވަނަ އަށް ދާ އަންނަ އަހަރު ޖޫން މަހު އޮންނަ ފައިނަލް ބުރަށް ހޮވޭނެ އެވެ. އެންމެ ފުލަށްދާ ޓީމެއް ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވާނެ އެވެ.
މީގެ ދެ ހަފްތާ ކުރިން ކްލޮޕް ވަނީ ނޭޝަންސް ލީގަކީ ބޭނުމެއް ނެތް މުބާރާތެއް ކަމަށް ބުނެފަ އެވެ. އެކަމާ ގިނަ ބަޔަކު ވަނީ ކްލޮޕަށް ފާޑުކިޔައިފަ އެވެ. ޕްރިމިއާ ލީގުގައި މިރޭ ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ވަނީ ކުރިން އޭނާ ދެއްކި ވާހަކަތައް ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ.
"ނޭޝަންސް ލީގަކީ ރަނގަޅު މުބާރާތެއް. އެކަމަކު އެކަން ކުރިއަށްގެންދަންވީ އެހެން ކުޅިވަރެއްގައި. އަހަރެންގެ ނަޒަރުގައި ފުޓްބޯޅައިގައި މި މުބާރާތަށް ނެތް ޖާގައެއް. އަހަރެން ދައްކާ ވާހަކަ މީހުން އަޑުނޭހިޔަސް އަހަރެން އަމިއްލަ ކޮފީ މެޝިނާ ވާހަަކަ ދައްކަން ޖެހުނަސް އަމިއްލަ ހިޔާލުފާޅުކުރާނަން. އެއީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ހިޔާލެއް އޮންނާނެ،" ކްލޮޕް ބުންޏެވެ.
ޔުއެފާ އިން ނޭޝަންސް ލީގު ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަގްވާމީ މެޗުތަކެއް ގިނަ ގައުމުތަކަށް ހޯދައިދިނުމުގެ އިތުރުން ބޮޑު މުބާރާތެއް ނޯންނަ އަހަރެއްގައި ފުޓްބޯޅައިގެ ވާދަވެރިކަން ފެންނަ މުބާރާތެއް ބޭއްވުމަށެވެ. އެގޮތަށް ވިސްނައިގެން މި މުބާރާތް ރޭވުމުން ކުޅުންތެރިންނަށް އެއްވެސް އަހަރެއްގައި ރަނގަޅު ބްރޭކެއް ނުލިބޭނެ ކަމަށް ކްލޮޕް ދެކެ އެވެ.
"ތެދެއް ޓީމުތަކަށް ލިބެނީ ރަނގަޅު ވާދަވެރި މެޗުތަކެއް. އެކަމާ އަހަރެން އެއްބަސްވަން. އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ވުރެން ރަނގަޅު ގޮތެއް މިއީ. އެކަމަކު މުބާރާތެއްގެ ޕްރެޝަރު ކުޅުންތެރިންނަށް ދިނުން ގޯސް. ބޮކްސިން ތަރި ޖޯޝުއާ ކިިހިނެއް ކޮންމެ ރެޔަކު ނޫނީ ހަފްތާ އަކު އެއް ފަހަރު ވަރުގަދަ ތެޅުމެއް ތަޅަނީ. ނަފްސާނީ ގޮތުން ކުރާ އަސަރަށް ވެސް ވިސްނަން ޖެހޭ،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ މުބާރާތް ރާވަން ޖެހޭނީ ކުޅުންތެރިންނަށް ފައިދާވާ ގޮތަށް ކަމަށެވެ. ވަރުގަދަ މެޗުތަކެއް ދޭން ޖެހޭ ކޮންމެ ފަހަރަކު މުބާރާތެއް ރޭވުމަކީ ލާޒިމްކަމެއްގެ ގޮތުގައި ދެކުމަކީ އެންމެ ރަނގަޅު ހައްލެއް ނޫން ކަމަށް ބުންޏެވެ.
ބައިނަލްއަގްވާމީ ބްރޭކަށް ފަހު ލީގުގެ ކުޅުން އަލުން ފަށާއިރު ލިވަޕޫލްގެ މުހިއްމު ހަތަރު ކުޅުންތެރިއަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ނަބީ ކެއިޓާ، ސަޑިއޯ މާނޭ، ވާޖިލް ވެން ޑައިކް އަދި މުހައްމަދު ސަލާހު އެވެ. އޭގެ ތެރެއިން ސަލާހާއި ވެން ޑައިކަށް މިރޭ ލީގުގައި ހަޑްސްފީލްޑާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވުމުގެ ފުރުސަތު އެބައޮތެވެ. ހަޑްސްފީލްޑާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:30 ގަ އެވެ.