26 މެއި 2016 - 16:22

ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމުގެ މުހިންމުކަން މީހުންނަށް އަންގައިދީ، ހޭލުންތެރިކަން އިތުރު ކުރުމަށް އެލައިޑް އިންޝުއަރެންސުން އިންތިޒާމްކުރާ ލައިފް އެންޑް ހެލްތް ފެސްޓިވަލް މާދަމާ ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންނާ ގުޅިގެން ދެ ދުވަހުގެ މުއްދަތައް ބާއްވާ މި ފެސްޓިވަލް އޮންނާނީ ރަސްފަންނުގަ އެވެ.
މި ފެސްޓިވަލް ބާއްވަނީ އާންމުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. ފެސްޓިވަލަށް ޒިޔާރަތްކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ. މިއަހަރުގެ ފެސްޓިވަލްގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައި ވަނީ ޓާކިޝް އެއާލައިނުން ދަތުރުކުރާ ޔޫރަޕްގެ މަންޒިލްތަކުގެ ތެރެއިން ބޭނުންވާ ކޮންމެވެސް މަންޒިލަކަށް ބިޒްނަޒް ކްލާހުގެ ދެ ރިޓާން ޓިކެޓެވެ.
އެލައިޑް ލައިފް އެންޑް ހެލްތް ފެސްޓިވަލްގެ މިއަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޭޑީކޭ، އެސްޓީއޯ، ޑައިބެޓިކް ސޮސައިޓީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، ގާލް ގައިޑް އެސޯސިއޭޝަން އަދި މޯލްޑިވްސް ބްލަޑް ޑޯނާސް ފަދަ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ ޖަމިއްޔާތައް ހިމެނެ އެވެ. އަދި ފެސްޓިވަލް ކުރިއަށްދާއިރު ލޭ ހަދިޔާ ކުރުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމާއި ހަކުރު އަދި ޕްރެޝަރު ބަލައިދިނުުމުުގެ ހިދުމަތް ލިބޭނެ އެވެ.
އެލައިޑުގެ މާކެޓިން އޮފިސަރު އައިޝަތު ރިޝްފާ ވިދާޅުވީ މި ފެސްޓިވަލްގައި މޯލްޑިވިއަން އައިޑޮލްގެ ގަދަ 10 ގައި ހިމެނުނު ބައެއް ފަންނާނުންގެ ހުށަހެޅުމެއް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަބްދުﷲ ފާލިހް އާދަމް އާއި އިބްރާހިމް އަމާން އަދި މުހައްމަދު އިޝާންގެ ހުށަޙެޅުންތައް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ކަމަށް އޭނާ ވިދާޅުވި އެވެ. ހުކުރު ދުވަހުގެ ރޭ 8:30 ގައި "ހަބޭސް" ބޮޑުބެރު ގްރޫޕުގެ ހަރަކާތްތަކެއް ވެސް ފެންނާނެ އެވެ.
"މި ފެސްޓިވަލް އަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމުގެ މުހިންމުކަމާ ބެހޭގޮތުން ގިނަ މައުލޫމާތު ލިބި، ރާއްޖޭގެ ނަން މަޝްހޫރު ފިޓްނަސް ސެންޓަރުތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެ ފެސްޓިވަލެއް" ރިޝްފާ ވިދާޅުވި އެވެ.
މި ފެސްޓިވަލްގައި ހީޓް، ޓީއެފްޖީ، ގްލޯ ފިޓް، ފިޓް ސްޓޫޑިއޯ، ބީ ފިޓް އަދި ރިވައިވް ފިޓްނަސްގެ ހާއްސަ ކަސްރަތު ކްލާސްތައް ކުރިއަށް ގެންދާނެ އެވެ.
މި ފެސްޓިވަލް ކުރިއަށްދާނީ މާދަމާ ހަވީރު 4:30 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އަދި ހޮނިހިރު ދުވަހުގެ ހަރަކާތްތައް ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. އެލައިޑުން މިފަދަ ފެސްޓިވަލެއް އެންމެ ފަހުން ބާއްވާފައި ވަނީ 2010 ވަނަ އަހަރެވެ.