22 އޮކްޓޯބަރ 2018 - 07:29

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި، އަޔޫޝްމަން ކުރާނާގެ ފިލްމު "ބަދާއީ ހޯ" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އަރްޖުން ކަޕޫރްގެ ފިލްމު "ނަމަސްތޭ އިންގްލެންޑް" ފްލޮޕަކަށް ވާނެކަން ކަށަވަރުވެއްޖެ އެވެ.
ގިނަ ކްރިޓިކުން ބުނި ގޮތުގައި ވިޕުލް ޝާހް ޑައިރެކްޓްކޮށް، އަރްޖުން އާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލް ކުޅެފައިވާ "ނަމަސްތޭ އިންގްލެންޑް" އަކީ އެއްވެސް އޮއްޓަރެއް ނެތް ވަރަށް ފީކަޅާ ފިލްމެކެވެ. އަދި ފިލްމުގެ ކޮންމެ ޑިޕާޓްމަންޓަކަށް ބެލިޔަސް މީގައި ޝައުގުވެރި އެއްވެސް ކަމެއް ނެތް ކަމަށް ބުނެފައިވެ އެވެ.
"ނަމަސްތޭ އިންގްލެންޑް" އަކީ ވިޕުލް 2007 ގައި އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑަށް ލައިގެން ގެނެސްދިން ކާމިޔާބު ފިލްމު "ނަމަސްތޭ ލަންޑަން" ގެ ދެވަނަ ބައެވެ. މި ފަހަރު ފިލްމުގައި ކިޔައި ދެނީ ޒުވާން އަންބަކު ފިރިމީހާ ދޫކޮށްލައިފައި، ކެރިއާއެއް ބިނާކުރަން އިނގިރޭސިވިލާތަށް ހިޖުރަ ކުރުމުން، އޭނާ އަނބުރާ ގެންނަން ފިރިމީހާ ކުރާ މަސައްކަތެވެ.
މި ފިލްމަށް ފާޑުކީ ކްރިޓިކުން ފާހަގަކުރި ގޮތުގައި "ނަމަސްތޭ އިންގްލެންޑް" އެންމެ ބޮޑު މައްސަލައަކީ ފިލްމުގެ ސްކްރީންޕްލޭ ވަނދުވުމެވެ. އަދި މިއީ އެއްވެސް ކަހަލަ ޝައުވެރި ކަމެއް، އޮއްޓަރެއް ނެތް އެއްޗެއް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ވިޕުލްގެ ޑައިރެކްޝަން ވެސް ކަމުނުދާ ކަމަށާއި ފިލްމުގެ ތަރިން އެކްޓިން ވެސް ވަރަށް ދަށް ކަމަށް ކްރިޓިކުން ފާހަގަކޮށްފައިވެ އެވެ. ގިނަ ކްރިޓިކުން މިއަށް ދީފައި ވަނީ އެންމެ ދެ ތަރީގެ ރޭޓިންއެކެވެ.
އަނެއްކޮޅުން މި ފިލްމު ރިލީޒްކުރި ދަނޑިވަޅާ ދިމާކޮށް ވިޕުލް އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާތީ، ކުރިއަށް މިއޮތް ދުވަސްތަކުގައި މި ފިލްމަށް ބެލުންތެރިން ދެން ވަންނާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އޭނާ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައި ވަނީ "ސެކްރެޑް ގޭމްސް" ގައި މުހިއްމު ރޯލެއް ކުޅުނު އިރާންގެ ބަތަލާ/މޮޑެލް އެލްނާޒް ނޮރޯޒީ އެވެ.
"ނަމަސްތޭ އިންގްލެންޑް" އާ ހިލާފަށް ގިނަ ކްރިޓިނުން ތިނެއް ބައި ތަރީގެ ރޭޓިންއެއް ދީފައިވާ "ބަދާއީ ހޯ" ވަނީ ރިލީޒް ކުރި ދުވަހުން ފެށިގެން ވެސް ބެލުންތެރިންގެ ހިތްދަކުން ޖާގަ ހޯދައިފަ އެވެ. މި ފިލްމު ދެކެ ބެލުންތެރިން އެހާ ލޯބިވި ސަބަބަކީ ހިންދީ ސިނަމާ އިން މީގެ ކުރިން ނުފެންނަ ކަހަލަ ކޮންސެޕްޓަކަަށް ފިލްމު ހަދާފައިވުމެވެ.
އަކްޝަތު ގިލްދިއާލްގެ ސްކްރީންޕްލޭއަކަށް، އަމިތު ޝަރްމާ ޑައިރެކްޓްކޮށްފައިވާ "ބަދާއީ ހޯ" ގައި ކިޔައި ދެނީ ދަރިން ކައިވެނި ކުރާ އުމުރަށް އަޅައިފައި ވަނިކޮށް، އުމުރުން ދުވަސްވީ މަޔަކު ބަލިވެ އިނުމުން ހިނގާ ހެއްވާ މަޖާ ހާދިސާތަކެކެވެ. މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އަޔޫޝްމަން އާއި ސާނިއާ މަލްއުތުރާގެ އިތުރުން ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ އެވެ.
"ބަދާއީ ހޯ" އަށް ތައުރީފު ކުރި ކްރިޓިކުންގެ ތެރޭގައި ހިމެނޭ ތަރަން އަދާޝް އާއި ކޯމަލް ނަހަޓާ ފަދަ ކްރިޓިކުން ފާހަގަ ކުރި ގޮތުގައި މިއީ ޝައުގުން ފުރިފައިވާ ވަރަށް ވެސް ހިތްގައިމު ވަރަށް ތާޒާ ފިލްމެކެވެ. އަދި މުޅި ފިލްމަށް ކޮށްފައި އޮތް މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ. ކްރިޓިކުން މިހާރު ވެސް ވަނީ "ބަދާއީ ހޯ" އަށް ސުޕަ ހިޓެއްގެ ދަރަޖަ ދީފި އެވެ.
މިހާރު ވެސް ޔަގީންވެފައިވާ ކަމަކީ އަރުޖުންގެ "ނަމަސްތޭ އިންގްލެންޑް" ޕްލޮޕްވެފައި، އަޔޫޝްމަންގެ "ބަދާއީ ހޯ" ހިޓަކަށްވެއްޖެ ކަމެވެ. ދެ ފިލްމަށް ބޮކްސް އޮފީހުގައި ހޮނިހިރު ދުވަހާ ހަމައަށް ލިބުނު އާމްދަނީ އަށް ބަލާ އިރު، "ނަމަސްތޭ އިންގްލެންޑް" އަށް ލިބިފައި ވަނީ އެންމެ 3.50 ކްރޯޑް ރުޕީސް އެވެ.
"ބަދާއީ ހޯ" އަށް މިހާތަނަށް 18.96 ކްރޯޑް ރުޕީސް ލިބިފައިވާ އިރު، ބޮކްސް އޮފީހުގައި މި ފިލްމުގެ ވިޔަފާރި އަދި ކުރިއަށް އޮތީ އެވެ. ކޯމަލް ވަނީ މި ފިލްމު 100 ކްރޯޑްގެ އާމްދަނީއެއް ވެސް ހޯދާނެ ކަމަށް ލަފާކޮށްފަ އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި މަހުގެ 5 ގައި ރިލީޒް ކުރި އަޔޫޝްމަންގެ ސަސްޕެންސް ތުރިލާ "އަންދާދުން" އަށް ވެސް ހިޓެއްގެ ދަރަޖަ ލިބުމެވެ. އެހެެންވެ ޖެހިޖެހިގެން ދެ ހިޓް ފިލްމު ގެނެސް ދިނުމުގެ ޝަރަފު ވެސް އޭނާ އަށް މި ވަނީ ލިބިފަ އެވެ.