12 އޯގަސްޓް 2016 - 07:21

ބޮލީވުޑް ފިލްމުތަކުގެ ތެރެއިން މިހާތަނަށް އުފައްދާ އެންމެ އަގުބޮޑު އެއް ފިލްމަކަށް، ރަޖްނީކާންތު ބަތަލުގެ ބައި ކުޅެ އަކްޝޭ ކުމާރު ނުބައިބައި ކުޅޭ "2.0" ވާނެ އެވެ. މި ފިލްމުގައި ރަޖްނީކާންތާއި އަކްޝޭގެ ތަޅާފޮޅާ މަންޒަރުތައް ހިމެނޭ އެންމެ ބަޔަކަށް 20 ކްރޯޑު (200 މިލިއަން ރުޕީސް) ޚަރަދު ކުރާނެ އެވެ.

އެހެންކަމުން މި ފިލްމަށް އެންމެ އަގުބޮޑު ފިލްމުގެ ރެކޯޑް މިހާރު ވެސް ވަނީ ލިބިފަ އެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ "ބާހޫބަލީ" އެވެ. ހިންދީ، ތަމަޅަ، ތެލުގޫ ބަހުން އުފެއްދި ޕްރަބާސް، ރާނާ ދަގުބަތީ، ތަމަންނާ އަދި އަނުޝްކާ ޝެޓީ ލީޑް ރޯލުތައް ކުޅުނު މި ފިލްމު އުފެއްދުމަށް 250 ކްރޯޑު (2500 މިލިއަން ރުޕީޒް) ޚަރަދު ކުރި އެވެ. މި ފިލްމުގައި އާދަޔާޚިލާފު މޮޅު ސިނަމަޓޯގްރަފީ އާއި ސްޓަންޓްތައް ފެނިގެން ދިޔަ އެވެ.
މި ލިސްޓުގެ ތިން ވަނައިގައި މިހާރު އޮތީ ޝާހްރުކް ޚާންގެ ސައިންސް ފިކްޝަން ފިލްމު "ރާ.ވަން" އެވެ. މި ފިލްމު އުފެއްދުމަށް 125 ކްރޯޑު (1250 މިލިއަން ރުޕީޒް) ޚަރަދުކުރި އެވެ. މިއީ ސުޕަހީރޯ އަކަށް ވުމަށް ޝާހްރުކް ޚާން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ އުފެއްދި ފިލްމެކެވެ.
މި ފިލްމުގެ އެންމެ ބޮޑު ޚަރަދެއް ގޮސްފައި ވަނީ ސްޕެޝަލް އިފެކްޓްސް އަށެވެ. ދެ ވަނަ އަށް އެންމެ ބޮޑު ޚަރަދެއް ދިޔައީ ކޮސްޓިއުމް އަށެވެ. ފިލްމުގައި ޝާހްރުކް އެޅި ހެދުމަށް އެކަނިވެސް އެއް ކްރޯޑު (10 މިލިއަން ރުޕީސް) ޚަރަދުވި އެވެ.
ރިތިކް ރޯޝަން ސުޕަހީރޯއެއްގެ ރޯލު އަދާކުރި "ކްރިޝް 3" އަކީ އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހަތަރު ވަނަ އަށް ހިމެނޭ ފިލްމެވެ. މި ފިލްމަށް 115 ކްރޯޑު (1150 މިލިއަން ރުޕީސް) ޚަރަދުވި އެވެ. އަދި ފިލްމަށް ޚަރަދު ކަނޑައި ފައިދާ ވެސް ވެފައިވެ އެވެ. މި ފިލްމުގެ ވެސް އެންމެ ބޮޑު ޚަރަދެއް ދިޔައީ ސްޕެޝަލް އިފެޓްސް އަށެވެ. ގާތްގަނޑަކަށް 26 ކްރޯޑު މި ފިލްމަށް ޚަރަދު ކުރި އެވެ.
ރިތިކްގެ "ބޭންގް ބޭންގް" އަކީ ވެސް ވަރަށް ބޮޑު ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ޓޮމް ކްރޫޒް އާއި ކެމެރަން ޑަޔަޒްގެ "ނައިޓް އެންޑް ޑޭ"ގެ ރިމޭކް އެއް ކަމަށްވާ މި ފިލްމު އުފެއްދުމަށް 140 ކްރޯޑު (1400 މިލިއަން ރުޕީސް) ޚަރަދު ވެފައި ވެ އެވެ. މި ފިލްމު އެކްޝަން މަންޒަރުތައް ޑައިރެކްޓްކޮށްފައި ވަނީ ހޮލީވުޑްގެ "ދި އެމޭޒިން ސްޕައިޑަމޭން 2"ގެ އެކްޝަން ޑައިރެކްޓަރު އެންޑީ އާމްސްޓްރޯންގް އެވެ. އެގޮތުން ފިލްމުގައި ރިތިކް އެފް1 ކާރެއް ދުއްވާތަނާއި ވޯޓާ ސްކީ ކުރާ ތަނާއި ސީ ޕްލޭން ދުއްވާތަން އަދި ފްލައި ބޯޑުގެ ސްޓަންޓްސްތައް ފެނިފައިވެ އެވެ. ޕްރާގް، އެމެރިކާ، ތައިލެންޑް އަދި ގްރީސްގައި މި ފިލްމުގެ މަންޒަރުތައް ނަގާފައިވެ އެވެ.
"ދޫމް 3" އަކީ ވެސް ވަރަށް ބޮޑު ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ކެޓުރީނާ ކައިފް އާއި އާމިރު ޚާން ލީޑް ރޯލު ކުޅުނު މި ފިލްމުގެ "މަލަންގް" ލަވަ އަކީ މިހާތަނަށް އުފައްދާފައިވާ އެންމެ އަގުބޮޑު ލަވަ އެވެ. މި ލަވައަށް އެކަނި ފަސް ކްރޯޑު (50 މިލިއަން ރުޕީޒް) ޚަރަދު ކުރި އެވެ.
މީގެ އިތުރުން ތަމަޅަ އަދި ހިންދީ ބަހުން އުފެއްދި ޝަންކަރް ޑައިރެކްޓްކޮށްފައިވާ "އައި" އާއި ރަޖްނީކާންތުގެ "ރޮބަޓް" އަކީ ވެސް އެންމެ އަގުބޮޑު ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ ފިލްމު ތަކެކެވެ.