ވަގަށް ނެގި އެފްރިކާގެ ޒުވާން ބިލިއަނަރު ދޫކޮށްލައިފި
ވަގަށް ނެގި އެފްރިކާގެ ޒުވާން ބިލިއަނަރު ދޫކޮށްލައިފި

ދާރުއްސަލާމް (އޮކްޓޯބަރު 21) - އެފްރިކާގެ އެންމެ ޒުވާން ބިލިއަނަރު ކަމަށް ބުނާ ޓެންޒޭނިއާގެ މުހައްމަދު ދޭވްޖީ ވަގަށް ނެތިތާ 10 ދުވަސް ފަހުން އޭނާ ދޫކޮށްލައިފި އެވެ.

"އަހަރެން ސަލާމަތުން މިހުރީ ގޭގައި،" ދޭވްޖީ ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މޯގެ ނަމުން މަޝްހޫރު ދޭވްޖީ ވަނީ އޭނާ ސަލާމަތް ކުރަން ކުރި މަސައްކަތަށް ޓެންޒޭނިއާ ފުލުހުންނަށް ޝުކުރު އަދާކޮށްފަ އެވެ. އުމުރުން 43 އަހަރުގެ ބިލިއަނަރު ސަލާމަތް ކުރީ ކޮންގޮތަކުން ކަމެއް ނުވަތަ ކިހާ ފައިސާއެއް ދީގެން ކަމެއް ނޭނގެ އެވެ.

މި މަހު 11 ވަނަ ދުވަހު ދޭވްޖީ ވަގަށް ނަގާފައި ވަނީ ހަތިޔާރު އަޅައިގެން ތިބި ބަޔެކެވެ. އޭނާ ވަގަށް ނެގީ ދާރުއްސަލާމުގެ ހޮޓަލަކަށް ހެނދުނު ޖިމަށް ދަނިކޮށް ކަމަށްވެ އެވެ. އެ ހާދިސާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ލަފާ ކޮށްފައި ވަނީ ދޭވްޖީ ވަގަށް ނެގުމުގައި ބިދޭސީ ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށެވެ. ފުލުހުން ބުނީ ދޭވްޖީ ޖިމަށް ދިޔައީ ބޮޑީގާޑުން ވެސް ނުލައި އޭނާ އެކަނި ކާރުގައި ދުއްވާފައި ކަމަށެވެ.

ފޯބްސް މަޖައްލާ އިން ބުނި ގޮތުގައި އިންޑިއާ ދަރިކޮޅު ދޭވްޖީގެ މިލްކިއްޔާތުުގެ އަގު 1.5 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އެއީ ޓެންޒޭނިއާގައި ހުރި ހަމައެކަނި ބިލިއަނަރު ކަމަށް ވެސް ބުނެފައިވެ އެވެ. މިދިޔަ އަހަރުގެ ރިޕޯޓެއްގައި ބުނެފައި ވަނީ ދޭވްޖީ އަކީ އެފްރިކާގެ އެންމެ ޒުވާން ބިލިއަނަރު ކަމަށެވެ. ދޭވްޖީ ވަނީ ޓެންޒޭނިއާގެ އެންމެ ބޮޑު ފުޓުބޯޅަ ކްލަބު ވެސް ސްޕޮންސާ ކޮށްފަ އެވެ. ދޭވްޖީގެ މިލްކިއްޔާތުގެ ދެބައި ކުޅަ އެއްބައި ޚައިރާތުގެ ގޮތުގައި ހޭދަކުރަން ނިންމާފައިވާ ކަމަށް ފޯބްސް އިން 2016 ވަނަ އަހަރު ބުނެފައިވެ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރާ ހަމައަށް، ވެރިކަން ކުރާ ޕާޓީގެ މެންބަރެއްގެ ގޮތުގައި ޕާލަމެންޓުގައި ވެސް ޚިދުމަތް ކޮށްފަ އެވެ.

އާއިލީ ވިޔަފާރި ދޭވްޖީ ވަނީ ސަރަހައްދީ ބޮޑު ކުންފުންޏަކަށް ހަދައިފަ އެވެ. އޭނާގެ އެމްއީޓީއެލް ކުންފުނިން ޓެކްސް ޓައިލްސް އާއި ފުށާއި އެކި ބާވަތުގެ ބުއިންތަކާ އަދި ތެޔޮ އުފައްދަ އެވެ.