އޮޒިލްގެ ނިންމުމަށް އިހުތިރާމްކުރަންޖެހޭ: އެމެރީ
އޮޒިލްގެ ނިންމުމަށް އިހުތިރާމްކުރަންޖެހޭ: އެމެރީ

ލަންޑަން (އޮކްޓޫބަރު 22) - ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖަރުމަނުގެ ތަރި މެސުޓް އޮޒިލް ނިންމި ނިންމުމަށް އެންމެން ވެސް އިހުތިރާމްކުރަން ޖެހޭ ކަމަށް އޭނާ ކުޅެމުން އަންނަ ކްލަބް އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ދިމާވި މައްސަލަތައް ބޮޑުވެ، އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކުރަން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އޭނާއާ މެދު ވަރަށް ބޮޑަށް ނަސްލީ ތަފާތު ކުރުންތައް އޮތް ކަމަށާއި ޖަރުމަނު ފެޑެރޭޝަނުން އޭނާއާ މެދު އިހުތިރާމް ކުޑަކޮށް ދެކޭތީ ދެން ޖަރުމަނު ޓީމަށް ކުޅެން ބޭނުމެއް ނުވީ ކަމަށެވެ.

އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ފަހުން އޭނާގެ ނިންމުން ބަދަލުކުރަން ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ލަންޑަނުގައި މިދިޔަ މަހު އޮތް ފީފާ އެވޯޑް ހަފްލާ އަށް އައިސް ހުރިއިރު ލޯ ވަނީ އާސެނަލްގެ ޓްރެއިނިން ދަނޑަށް ގޮސް އޮޒިލްއާ ބައްދަލުކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އާސެނަލުން ހުއްދަނުދޭތީ އެ ބައްދަލުވުން ނުބޭއްވުނެވެ. ރިޕޯޓްތައް ބުނާގޮތުގައި އާސެނަލުން އެކަން ކުރީ އޮޒިލް ބޭނުންވެގެންނެވެ.

ދާދި ފަހުން އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވަނީ އޮޒިލް އަލުން ޖަރުމަނު ޓީމަށް ގެންދަން އަލުން އެ ޓީމުން މަސައްކަތްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ވެންގާގެ އެ ވާހަކަތަކަށް އެމެރީ ވަނީ ނުސީދާ ގޮތަކަށް ރައްދެއް ދީފަ އެވެ.

"އޮޒިލްގެ ނިންމުމަށް އަހަރެމެން އެންމެ އިހުތިރާމް ކުރަން ޖެހޭ. އޮޒިލް އެ ނިންމުން ނިންމީ ވަރަށް ވިސްނާފައި. ހަގީގަތުގައި މިއީ އޭނާގެ ކްލަބް ކެރިއަރަށް ވަރަށް ފައިދާހުރި ނިންމުމެއް. އަލުން އޭނާގެ އަސްލު ފޯމަށްދާން ފަސޭހަތަކެއް ވާނެ،" މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުންޏެވެ.

ލީގުގައި އެންމެ ފަހުން އާސެނަލް ކުޅުނު މެޗުގައި އޮޒިލް ނުކުޅެ އެވެ. އެމެރީ ބުނީ މިރޭ ލެސްޓާއާ ދެކޮޅަަށް ކުޅޭ މެޗުގައި އޮޒިލް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އާސެނަލާއި ލެސްޓާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.