22 އޮކްޓޯބަރ 2018 - 12:05

ރިޔާޒް (އޮކްޓޯބަރު 22) - މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ފިރިހެން ދަރިފުޅު ސަލާހް އަށް ސައުދީ ރަސްގެފާން ސަލްމާން އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ގުޅުއްވާ ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ސައުދީން ބުނެފައި ވަނީ ޚާޝުގްޖީ، 59، މަރުވީ އިސްތަންބޫލްގައި ހުންނަ ކޮންސިއުލޭޓް ތެރޭ ހިންގި ތަޅާފޮޅުމަކަށް ފަހު ކަމަށެވެ.
ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ އާއިލާ އަށް ތައުޒިޔާ ވިދާޅުވުމުން ރަސްގެފާނާއި ވަލީ އަހުދަށް ޚާޝުގްޖީގެ ދަރިފުޅު ވަނީ ޝުކުރު އަދާކޮށްފައި ކަމަށެވެ.
ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވެސް ވަނީ ޚާޝުގްޖީގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފަ އެވެ. އެމެރިކާގެ ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވީ އެ އާއިލާ އަށް ލިބިފައިވާ ހިތާމަތައް އިހްސާސް ކުރެވޭ ކަމަށެވެ.
"ވަރަށް ބޮޑު ގޯހެއް ހެދިފައި ވަނީ. އެކަމުގައި ބައިވެރިވާ މީހުން އޭގެ ޒިންމާ އުފުލަން ޖެހޭނެ،" ޖުބައިރު ވިދާޅުވި އެވެ.
ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވީ ނޫސްވެރިޔާ މަރާލުމާ ގުޅޭ މައުލޫމާތު ސައުދީ ލީޑަޝިޕަށް ލިބިފައި ނުވާ ކަމަށެވެ.