ޑައިރެކްޓަރު ދިބާކަރު ބެނަޖީގެ ވާހަކަ ޕާޔަލް އަލުން ތިލަކޮށްފި
ޑައިރެކްޓަރު ދިބާކަރު ބެނަޖީގެ ވާހަކަ ޕާޔަލް އަލުން ތިލަކޮށްފި

މީގެ ހަތް އަހަރު ކުރިން ފިލްމެއްގެ އޮޑިޝަނެއްގެ ތެރޭގައި ޑައިރެކްޓަރު ދިބާކަރް ބެނަޖީގެ ފަރާތުން ވެސް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާތީ އޭނާއާ ދޭތެރޭ ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަތަލާ ޕާޔަލް ރަހޯތުގީ ބުނެފި އެވެ.

"ދޯލް" އާއި "36 ޗައިނާ ޓައުން" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ 33 އަހަރުގެ ބަތަލާ ބުނީ ދިބާކަރް 2011 ވަނަ އަހަރު އޭނާ އޮޑިޝަނަކަށް ގެންގޮސް އަމިއްލަ އުފާތަކެއް ހާސިލުކުރަން އުޅުނު ކަމަށެވެ.

"އޭނާ ވަނީ އަހަރެންގެ ސްކާޓް ހިއްލާފައިި ހަށިގަނޑުގެ ވަނާތައް ދައްކުވަން މަސައްކަތްކޮށް، ޖިންސީ އެކި ކަހަލަ ވާހަކަތައް ދައްކާފައި،" ބިގް ބޮސް ފަދަ ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފައިވާ ޕާޔަލް ބުންޏެވެ.

އޭނާ ބުނީ އެކަމާ ހިތްހަނުޖެހިގެން އޮޑިޝަން ދޫކޮށްލައިފައި، ނުކުމެ ނޫސްވެރިންނާ ވެސް އެ ވާހަކަ ހިއްސާކުރި ކަމަށެވެ. އަދި އެކަން ކުރީ ފިލްމީ ދާއިރާގެ ބަޔަކު އެކަން ނުކުރުމަށް އެދި އާދޭސް ކުރަމުން ދަނިކޮށް ކަމަށް ވެސް ޕާޔަލް ބުންޏެވެ.

"އެ މީހުން ބުނަމުން ދިޔަ އެކަހަލަ ވާހަކައެއް ދައްކައިފި ނަމަ ކެރިއާ ހުއްޓުމަކަށް އަންނާނޭ. ކަންވީ ވެސް ހަގީގަތުގައި އެހެން. އަހަންނަކަށް ފަހުން އޮޑިޝަނަކަށް ނުވެސް ނުގުޅާ އަދި ފިލްމުތަކުން ފުރުސަތު ލިބުން ހުއްޓުމަކަށް އައި،" އޭނާ ބުންޏެވެ. "އެހެންވެ ފަހުން ޓީވީގެ މަސައްކަތްތަކަށް ބަދަލުވީ."

ޕާޔަލް ބުނި ގޮތުގައި ދިބާކަރުގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލަ އޭނާ ޕޮލިހަކަށް އަދި އެހެން ފަރާތަކަށް ވެސް ރިޕޯޓެއް ނުކުރެ އެވެ. އަދި ފަހުން ވެސް އެކަން ނުކުރީ މައްސަލަ ހުށަހަޅައިގެން އެކަމާ އުޅެން އާއިލާގެ މީހުން ވެސް ގަބޫލު ނުވާތީ ކަމަށް ބުންޏެވެ.

"އެކަމަކު އަހަރެން އުފާކުރަން މީޓޫ މޫވްމަންޓް ފެށި ދިބާކަރު ފަދަ މީސްމީހުން އަސްލު ސޫރަ ހާމަކުރަމުން އަންނާތީ. އަހަރެން އުންމީދު ވެސް ކުރަނީ މީޓޫއާއަކީ އިހުލާސްތެރިކަމާ އެކު ކުރިއަށްދާ ހަރަކާތެއް ކަމަށް،" ޕާޔަލް ބުންޏެވެ.

ދިބާކަރުގެ ވާހަކަ އަލުން ތިލަ ކުރުމަށް ފަހު، އޭނާގެ ކުރިއަށް އޮތް ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރް" ގެ ގެނެސްދޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ދިބާކަރަށް ފިޔަވަޅު އެޅުމަށް ޕާޔަލް ވަނީ ގޮވާލައިފަ އެވެ. އަންނަ އަހަރުގެ މާޗް 1 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ތަރިންނަކީ އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ އެވެ.

"އަހަރެން ވަރަށް ބޭނުން ޔާޝްރާޖުން މިކަމާ ގުޅިގެން ނަގާ ސްޓޭންޑެއް ބަލަން. މީޓޫއަކީ އިންސާފަށް ކުރެވޭ މަސައްކަތެއް ކަމަށް ވަންޏާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ،" ޕާޔަލް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ދިބާކަރާއި ވައިއާރްއެފުން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އެ ކުންފުނީގެ ޓެލެންޓް އެންޑް ބިޒްނެސް ހެޑް އަޝިޝް ޕަޓިލް އަށް ޖިންސީ ގޯނާގެ ތުހުމަތު މިދިޔަ ހަފުތާގައި ކުރުމާ ގުޅިގެން އޭނާ މިހާރު ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ދިބާކަރް، 49، އަކީ "ލަވް ސެކްސް އޯރް ދޯކާ" އާއި "ޝަންހާއީ" އަދި "ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ" ފަދަ ފިލްމުތައް ހަދާފައިވާ މީހެކެވެ.

ބޮލީވުޑްގެ#މީޓޫ މޫވްމަންޓާ އެކު ބޭޒާރުވެފައިވާ ޑައިރެކްޓަރުންގެ ތެރޭގައި ވިކާސް ބާލް، ސުބާޝް ކަޕޫރް، ސޯމިކް ސެން، ވިޕުލް ޝާހް، ސުބާޝް ގާއީ، މުކޭޝް ޗަބްރާ އަދި ސާޖިދު ހާން ފަދަ ނަން ހިނގާ އެތައް ފަންނާނުންނެއް ހިމެނެ އެވެ. އަދި މި އެންމެން ވަނީ އެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.