25 އޮކްޓޯބަރ 2018 - 07:07

މިއީ "ޓައިޓޭނިކް" ފިލްމުގެ ދެވަނަ ބައިގެ ވާހަކައެއް ނޫނެވެ. މިއީ މީގެ 106 އަހަރު ކުރިން 1912 ގައި އެޓްލާންޓިކް ކަނޑަށް ފެތުނު ބިޔަ ބޯޓް "ޓައިޓޭނިކް" ނަކަލެއްގެ ގޮތުގައި ކަނޑަށް ބާލައި، ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ބޯޓު "ޓައިޓޭނިކް 2" ގެ ވާހަކަ އެވެ.

މި ބޯޓް ރަސްމީކޮށް ދަތުރު ފަށަން ހަމަޖެހިފައި ވަނީ 2022 ގަ އެވެ. "ޓައިޓޭނިކް" ދަތުރުގެ އުފާވެރި ފެށުމާއި ހިތާމަވެރި ނިމުމުގެ ތެރެއަށް މި ޖީލު ގެންގޮސްދޭން "ޓައިޓޭނިކް 2" ބަނުމުގެ މަސައްކަތަކީ އޮސްޓްރޭލިއާގެ ވިޔަފާވެރިއެއް ކަމަށްވާ އަދި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ކްލައިވް ޕަލްމާ، 64، ގެ އަގުބޮޑު މަޝްރޫއެކެވެ.
ފަސްސަތޭކަ މިލިއަން ޑޮލަރުގެ ބަޖެޓަކުން ޗައިނާގައި މި ފަހަރު ބޯޓް ބަންނަނީ ހިނގައިފާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެވޭނެ ހުރިހާ ފިޔަވަޅުތައް އެޅޭނެ ގޮތްތަކެއް ބަލައިގެންނެވެ.
ދެހާސް ބާވީހުގައި ފުރަތަމަ ދަތުރަށް ރަސްމީކޮށް "ޓައިޓޭނިކް 2" ނުކުންނާނީ 1912 ގައި އަސްލު ޓައިޓެނިކް ވެސް ދަތުރުކުރި މަގުންނެވެ. އެކަން ޕަލްމާ ވެސް ވަނީ ޔަގީންކޮށް ދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި "ޓައިޓޭނިކް 2" ގެ ފުރަތަމަ ދަތުރު ހާއްސަކުރުމުގެ ގޮތުން ދަތުރު ރޭވިފައި ވަނީ އަސްލު "ޓައިޓޭނިކް" ގެ ދަތުރުގެ ތާވަލާ އެއްގޮތަށެވެ. އެހެންވެ ފުރަތަމަ ރަސްމީ ދަތުރުކުރާނީ އިނގިރޭސިވިލާތު ސައުތަމްޕްޓަން އިން އެމެރިކާގެ ނިއު ޔޯކަށެވެ.
"ޓައިޓޭނިކް 2" ބަންނަ އިނގިރޭސި ކުންފުނި ބްލޫ ސްޓާ ލައިން ބުނި ގޮތުގައި އަސްލު ބޯޓްގައި ހިމެނޭ ހުރިހާ ސިފަތަކެއް ނަކަލުގައި ހުންނާނެ އެވެ. އެގޮތުން ނުވަ ޑެކްގެ ބޯޓްގައި 835 ކޮޓަރިއާ އެކު، ޖުމްލަ 2،435 ޕެސެންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. އަދި ހައެއާ އެކު ތިން ގިންތިއަކަށް ޓިކެޓް ވިއްކާނެ އެވެ. އެއީ އެކެއް، ދޭއް އަދި ތިން ވަނަ ކުލާހުގެ ޓިކެޓެވެ.
އެޕްރީލް، 10، 1912 ގައި "ޓައިޓޭނިކް" ފެށި ދަތުރުގައި އެޕްރީލް މަހުގެ 15 ވަނަ ދުވަހު 2،24 މީހުންނާ އެކު އައިސްބާގެއްގައި ޖެހި ބިންދައިގެން ދިޔަ ބިރުވެރި އަދި ނުރައްކާތެރި ހާދިސާގައި ވަނީ 1،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
ކެމެރަން 1997 ގައި ގެނެސް ދިން ފިލްމު "ޓައިޓޭނިކް" ގައި މި ހާދިސާ ވަރަށް ފުރިހަމަ އަށް ކިޔައި ދީފައިވެ އެވެ. އެއީ ރޯޒް އާއި ޖެކް ކިޔާ ދެ ޒުވާނެއްގެ ހިޔާލީ ލޯބީގެ ވާހަކައަކާ ވެސް އެކުގަ އެވެ.