ބޮޑެތި ޚަރަދުތައް ނުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި
ބޮޑެތި ޚަރަދުތައް ނުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި

ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރަން ބޭނުންވާތީ، ބޮޑު އެއްވެސް ޚަރަދެއް ނުކުރުމަށް ސަރުކާރުގެ އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

މާލިއްޔަތާ ގުޅޭ ގޮތުން އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ހަ ފިޔަޅެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން، މިހާރު ދެމުން ގެންދާ އާންމު ޚިދުމަތެއް މެދުކެނޑިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ޚަރަދުތަކުގެ އިތުރުން ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީން ކުރަން ހުއްދަ ދީފައިވާ ކެޕިޓަލް ޚަރަދުތައް ފިޔަވައި އެއްވެސް ޚަރަދެއް ނުކުރުމަށް ވަނީ އަންގައިފަ އެވެ.

ބަޖެޓުގެ ޚަރަދު ކުޑަ ކުރުމުގެ އިތުރުން ސަރުކާރު އޮފީސްތަކުގައި އިތުރު ގަޑީގައި މަސައްކަތް ކުރަން ނުޖެހޭ ގޮތަށް ކަންކަން ރޭވުމަށް ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި އަންގާފައިވެ އެވެ. އަދި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ އޮފީސްތައް ފިޔަވައި އެހެން ތަންތަން މެންދުރު 2:30 ގައި ބަންދު ކުރުމަށް ވެސް އަންގާފައިވެ އެވެ.

އަމަލީ މަސައްކަތް މިހާރު ފަށާފައިވާ މަރާމާތާ ގުޅޭ ކަންކަމުގެ އިތުރުން މަރާމާތުގެ ޚަރަދުތައް ވެސް މެދުކަނޑައިލުމަށް ފައިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އަދި، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއުތައް ފިޔަވައި އިތުރު އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދަން ވެސް ވަނީ އަންގައިފަ އެވެ.

ގައުމީ ފެންވަރުގެ މުނާސަބަތުތަކާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަ ނުކުރުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އަދި ބަޖެޓު ލިބިފައި އޮތް ނަމަވެސް އަމަލީ މަސައްކަތް ފަށާފައި ނުވާ ހަރަކާތްތައް ވެސް މި ދުވަސްވަރު ކުރިއަށް ނުގެންދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.