25 އޮކްޓޯބަރ 2018 - 16:22

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޝަހުދީ އާއި މުހައްމާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
އެ ދެ ބޭފުޅުންނަކީ ވެސް އެ ހުކުމުގެ ކުރިން ޕީޕީއެމުން ވަކިވާން ސިޓީ ފޮނުވާފައި ތިބި ބޭފުޅުން ކަމަށް ވިޔަސް، އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ބޭފުޅުން ޕާޓީން ވަކިވީ ހުކުމުގެ ފަހުން ކަމަށެވެ. އެ ދެ ބޭފުޅުންގެ އިތުރު 10 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް ކޮމިޝަނުން ކަނޑައެޅި އެވެ.
ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅަން ޝަހުދީ އާއި މުހައްމާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލީ ވަކިވަކިން އެ ދެ މައްސަލައިގެ އަޑުއެހުން މިއަދު ބޭއްވުމަށް ފަހު އެވެ. އެހެންވެ، އެ ދެ މައްސަލާގައި ވެސް ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ ދެ މައްސަލަ ވެސް ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ޝަހުދީ އާއި މުހައްމާގެ އިތުރުން، ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި ދެން ތިބި 10 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހު ވަނީ ހުކުމްކޮށްފަ އެވެ. ބާކީ ތިބި ހަ މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ސުޕްރީމް ކޯޓުން މި ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އެ މައްސަލަތަކުގައި ވެސް ދެން އޮންނާނީ ހުކުމް އިއްވުމެވެ.