27 އޮކްޓޯބަރ 2018 - 11:04

ކޮލަމްބޯ (އޮކްޓޯބަރު 27) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑިއާ މީހާ މެންޓަލް ހޮސްޕިޓަލަކަށް ފޮނުވައިފި އެވެ.
ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ މާސެލީ ތޯމަސް މިހާރު އޮތީ ކޮލަމްބޯއާ ކައިރީގައިވާ ހޮސްޕިޓަލެއްގައި ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"ކޯޓުން އަންގާފައި ވަނީ އޭނާ ޖުޑީޝަލް މެޑިކަލް އޮފިސަރަކަށް ދައްކަން. އެ ޑޮކްޓަރު ލަފާ ދީފައި ވަނީ ތޯމަސް ސައިކޭޓްރިސްޓަކަށް ދައްކަން. އޭގެ ފަހުން އޭނާ މެންޓަލް ހޮސްޕިޓަލަކަށް ފޮނުވީ،" ގުނަސެކަރަ ވިދާޅުވި އެވެ.
މިދިޔަ މަހު ފަހުކޮޅު ތޯމަސް ހައްޔަރު ކުރީ ސިރިސޭނާ އަވަހާރަކޮށްލަން އޭނާ އުޅޭ ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ފޯސްގެ އޮފިސަރަކު ދިން މައުލޫމާތުގެ އަލީގަ އެވެ. އެ އޮފިސަރު ބުނެފައި ވަނީ ސިރިސޭނާ އަވަހާރަކޮށްލުމުގެ މާސްޓާމައިންޑަކީ ފުލުހުންގެ ކައުންޓަ ޓެރަރިޒަމް ޑިވިޝަނުގެ ވެރިޔާ ނަލަކަ ޑި ސިލްވާ ކަމަށެވެ. ޑި ސިލްވާ ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.
ކޯޓުގައި ތޯމަސް ބުދަ ދުވަހު ބުނެފައި ވަނީ އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށާއި ފުލުހުން ވަނީ އޭނާ ފްރޭމްކޮށްފައި ކަމަށެވެ.
ސިރިސޭނާ އަވަހަރަކޮށްލަން އުޅޭ ކަމަށް އިންޑިއާގެ ނޫހަކުން މިދިޔަ ހަފުތާގައި ބުނުމާ އެކު ލަންކާ އާއި އިންޑިއާއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ސިރިސޭނާ އަވަހާރަކޮށްލަން އުޅޭ ކަމަށް އެމަނިކުފާން ތުހުމަތުކޮށްފައި ވަނީ އިންޑިއާގެ އިންޓަލިޖެންސް ސާވިސް އަށް ކަމަށް ނޫހުން ބުނެފައިވެ އެވެ. ނަމަވެސް ނިއު ދިއްލީން ވަނީ އެކަން ދޮގުކޮށްފަ އެވެ.