12 އޯގަސްޓް 2016 - 20:41

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 12) - ދުނިޔޭގެ އަންހެނުންގެ 10،000 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލައި މި އިވެންޓުން އޮލިމްޕިކް ގޭމްސްގެ ރަން މެޑަލް އިތިއޯޕިއާގެ އަލްމާޒް އަޔާނާ ހޯދައިފި އެވެ.
ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ކުރިއަށްދާ އޮލިމްޕިކްސްގައި މިއަދު އުމުރުން 24 އަހަރުގެ އަޔާނާ މުގުރާލީ އެތުލެޓިކްސްގެ ތާރީހުގައި މުގުރާނުލެވި އެންމެ ގިނަ ދުވަސްވީ އެއް ރެކޯޑެވެ. ޗައިނާގެ ވަންގް ޔުންޒިއާ 1993 ވަނަ އަހަރު 29 މިނެޓު 31:78 ސިކުންތުން ދުވެ ގާއިމްކުރި ރެކޯޑް އަޔާނާ މިއަދު މުގުރާލީ 29 މިނެޓު 17:45 ސިކުންތުންނެވެ. އަޔާނާ މި ހޯދީ 14 ސިކުންތުގެ ކުރިއެރުމެކެވެ.
މި ފަހަރުގެ އޮލިމްޕިކްސްގެ ޓްރެކް އެންޑް ފީލްޑުގެ ފުރަތަމަ ރަން މެޑަލް އަޔާނާ ހޯދިއިރު އެންމެ ފަހުގެ ޗެމްޕިއަން އިތިއޯޕިއާގެ ޓިރުނޭޝް ޑިބާބާ އަށް ލިބުނީ މި އިވެންޓުން ލޯ މެޑަލެވެ. އޭނާ ރޭސް ނިންމީ 29 މިނެޓު 42.56 ސިކުންތުންނެވެ. ރިހި މެޑަލް ހޯދީ 29 މިނެޓު 32.53 ސިކުންތުން ރޭސް ނިންމި ކެންޔާގެ ވިވިއަން ޗެރިއޮޓެވެ.
މި ކާމިޔާބީއާ އެކު އަޔާނާ ވެފައިވަނީ 10،000 މީޓަރު އިވެންޓެއްގެ ދުނިޔޭގެ ރެކޯޑެއް އޮލިމްޕިކް ގޭމްސްގައި މުގުރާލި ފުރަތަމަ އަންހެން ދުވުންތެރިޔާ އަށެވެ. މިއީ ދުނިޔޭގެ 5000 މީޓަރު ދުވުމުގެ ޗެމްޕިއަން އަޔާނާ ވާދަކުރި އޮލިމްޕިކްސްގެ ފުރަތަމަ ފައިނަލެވެ.