26 މެއި 2016 - 14:32

ވަޅޯ މަސް މާރުކޭޓްގައި މިދިޔަ މަހު ހިނގި މާރާމާރީއެއްގައި، ފަރުވާދެމުން އަންނަނިކޮށް މަރުވި އަހުމަދު ރިޔާޒުގެ މައްސަލާގއި އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ.

އެއް ބަޔަކު ބުނަނީ، ކުރުނބައެއް ވަގަށް ނެގުމުން އޭނާގެ ގައިގައި ބަޔަކު ތަޅައިގަނެ މޫދަށް އެއްލައިލީ ކަމަށެވެ. އެކަމަކު ސ. ފޭދޫ، ޓައިނީ ވޭވް، ރިޔާޒް، 41، މަރުވަން މެދުވެރިވި އަނިޔާ ލިބުނީ އެގޮތަށް ނޫން ކަން އެދުވަހުގެ މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.

ރިޔާޒް މަރުވީ މޫދުގައި އަޅާފައި އޮތް އުޅަނދެއްގެ ބުރަފަތީގައި ޖެހި ބޮލަށް ލިބުނު ސީރިއަސް ޒަހަމްތަކެއްގައި އައިޖީއެމްޗްގައި ފަރުވާދެނިކޮށް އިއްޔެ މެންދުރެވެ. އޭނާ ސަލާމަތްކުރެވޭތޯ މީގެ ކުރިން ވަނީ އިންޑިއާ އަށް ފޮނުވައިގެން ވެސް ފަރުވާ ދީފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ ރިޔާޒުު މަރުވީ ބޮލާއި ފުއްޕާމެއަށް ލިބުނު އަނިޔާތަކާ ގުޅިގެން ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
ކަންނެލި މަސްވެރިކަން ކޮށް އުޅުނު ރިޔާޒުގެ މަރާ ގުޅޭ ގޮތުން، ވަޅޯ މަސް މާރުކޭޓުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މާރާމާރީ ފެށުނީ، އެތަނުގެ ގޮޅިއަކުން އޭނާ ކަރައެއް ވަގަށް ނެގުމުން ކަމަށެވެ. ހުކުރު ދުވަހުގެ މެންދުރެއްހާއިރު އެ ކަރާ ނަގައިގެން ދާން އުޅެނިކޮށް އޭނާ ހުއްޓުވުމުން ގޮޅި ބަލަހައްޓަން އުޅުނު މީހާ އަށް ފުރަތަމަ ހަމަލާ ދިނީ އޭނާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ.
"ކަރާ ބާއްވާށޭ ކިޔައި ހަޅޭއްލެވީމަ އެތަނުގައި އޮތް ގަބުޅިއެއް ނަގައި ގޮޅި ބަލަހައްޓަން ހުރިި މީހާގެ ބޮލުގައި ޖެހީ. ދެން އޭނާ ވެސް ނުހުންނާނެތާ. އެ ހިސާބުން ދެ މީހުން ތަޅާފޮޅައި އެކަކު އަނެކަކު ގައިގައި ބައްދަމުން ގޮޅިން ބޭރަށް ނިކުތީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.
މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުން ރިޔާޒަށް ގިނަ ބަޔަކު އަނިޔާކޮށް މޫދަށް އެއްލާލީއެއް ނޫނެވެ. އެ މާރާމާރީގައި އެކަކު އަނެކަކަށް ހަމަލާދެމުން ގޮޅިން ނުކުތީ އެ ދެ މީހުންނެވެ. ތަޅާފޮޅުމުގައި ރިޔާޒު ކޮއްޕާލުމުން ގޮސް ވެއްޓި އޭނާގެ ބޯ ޖެހުނީ މޫދުގައި އަޅާފައި އޮތް ފަރުމަހަށް ދާ ކުޑަ ދޯންޏެއް ކަހަލަ އުޅަނދެއްގެ ބުރަފަތީގަ އެވެ. އޭރު އޭގެ އައުޓްބޯޑު އިންޖީނުު ހުރީ މައްޗަށް ނަގައިފަ އެވެ.
ބައެއް މީހުން ބުނީ ހަމަލާ ދިން މީހާ ރިޔާޒް މޫދަށް ވައްޓާލަން ގަސްތުގައި ކޮއްޕާލީ ކަމަށެވެ. އަނެއް ބަޔަކު ބުނި ގޮތުގައި ތަޅާފޮޅުމުގައި އޭނާ ވެއްޓުނީ އެވެ.
"މޫދަށް ވެއްޓި ބުރަފަތީގައި ބޯ ޖެހި ޒަހަމްވީ. އޭނާ މޫދުން ނެގީ ދޯނިތަކުގައި ތިބި މީހުން. އޭރު ހޯސްލާފައި ބޮލުން ލޭތައް ފައިބާ،" މިއަދު "މިހާރު"އާ ވާހަކަދެއްކި މީހަކު ބުންޏެވެ.
މާރާމާރީ ހިންގި މީހާ ފުލުހުން ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު ވެސް އިތުރުކުރި އެވެ. އެކަމަކު އޭނާ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ރިޔާޒް އިންޑިއާ އަށް ގެންދިޔަ އެވެ. އިންޑިއާގައި ފަރުވާކުރިއިރު ހާލު ރަނގަޅު ނަމަވެސް މާލެ ގެނެސް އައިޖީއެމްއެޗުގައި އޮތް މުއްދަތުގައި ރިޔާޒުގެ ހާލަތަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.
އޭނާގެ އާއިލާ އިން ބުނީ ވައްކަމުގެ ތުހުމަތު އަޅުވައި މާރާމާރީ ހިންގި ނަމަވެސް ރިޔާޒަކީ އެފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް ނޫން ކަމަށެވެ. އަދި އެދުވަހު އޭނާ އަށް އަނިޔާވީ ތަޅާފައި އެއްލައިލުމުން ކަމަށް ވެސް އާއިލާ އިން ބުނެފައިވެ އެވެ.
މި މައްސަލާގައި ފުލުހުން ވަކި އެއްޗެކޭ ނުުބުނެ އެވެ.