28 އޮކްޓޯބަރ 2018 - 13:14

އިސްލާމްއާބާދު (އޮކްޓޯބަރު 28) - އިންޑިއާގެ ހުރިހާ ޓީވީ ޗެނެލްތަކެއް ޕާކިސްތާނުގައި ދެއްކުން އެ ގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު ސާގިބް ނިސާރު ވިދާޅުވީ ކޯރުތަކުން ދެމިގެން އަންނަ ފެން ޕާކިސްތާނަށް ލިބުމަށް އިންޑިއާ އިން ހުރަސްއަޅާ ކަމަށާއި އެހެންވެ އެ ގައުމުގެ ޓީވީ ޗެނަލްތައް ޕާކިސްތާނުގައި ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. ޕާކިސްތާނުން ބުނަނީ ޑޭމްތައް އިންޑިއާ އިން ބޭނުން ކުރަނީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އިންޑިއާ އިން އެކަން ދޮގު ކުރެ އެވެ.
"ޕާކިސްތާނަށް ފެން ލިބެން ހުންނަ ޗެނަލްތައް އިންޑިއާ އިން ދަނީ ހުއްޓުވަމުން. އެހެންވެ އެ މީހުންގެ ޗެނަލްތައް ކީއްވެ އަހަރެމެން ނުހުއްޓުވަންވީ؟" އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
އިންޑިއާގެ ޓީވީ ސީރީޒްތަކާއި ހިންދީ ފިލްތައް ޕާކިސްތާނުގައި ވަރަށް މަގްބޫލެވެ. ނަމަވެސް ދެ ގައުމުގެ މަޝްރަހު ހޫނުވާ ފަހަރުތަކުގައި މީގެ ކުރިން ވެސް ވަނީ އިންޑިއާގެ ޓީވީތައް ޕާކިސްތާނުގައި މަނާކޮށްފަ އެވެ.
އިންޑިއާގެ ފިލްމުތައް ޕާކިސްތާނުން ފުރަތަމަ މަނާކުރީ، އިންޑ-ޕާކިސްތާން ހަނގުރާމައާ ގުޅިގެން، 1965 ވަނަ އަހަރު އެވެ. އަލުން ހުއްދަ ދިނީ 2008 ވަނަ އަހަރު އެވެ. ކަޝްމީރުގެ މައްސަލަ ބޮޑުވުމުން އިންޑިއާގެ ޓީވީތަކާއި ރޭޑިއޯ އެންމެ ފަހުން މަނާކުރީ 2016 ވަނަ އަހަރު އެވެ. އެކަމަކު ލާހޯރު ހައި ކޯޓުން ވަނީ އަލުން ހުއްދަ ދީފަ އެވެ.