28 އޮކްޓޯބަރ 2018 - 13:03

ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްސަލަ މުރާޖައާ ކުރުމަށް އެދި ފޮނުއްވި ސަބަބެއް ކަމަށް އެ ބަޔާނުގައި ބުނެފައިވަނީ އެ "ހުކުމާ ގުޅިގެން ފާހަގަ ކުރެވޭ ކަންކަން ބަލައިދިނުމަށް މުހައްމަދު ނަޝީދުގެ މަސްލަހަތުގައި އެކި ފަރާތްތަކުން މި އޮފީހުގައި އެދެމުންދާތީ" ކަމަށެވެ.
ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް މުރާޖައާ ކުރުމަށް އެދުމުގައި އެ މައްސަލައަކީ "އާންމު މަސްލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ" މައްސަލައަކަށްވުން ހިމެނޭ ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން އެދިފައި ވަނީ ނަޝީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި ފާހަގަ ކުރެވޭ ކަންކަން ބަލައި އަލުން މުރާޖައާ ކޮށްދިނުމަށެވެ.
ނަޝީދުގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ޕީޖީ އޮފީނުން ސުޕްރީމް ކޯޓުގައި އެދިފައި މި ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް ޕީޖީ އަށް އިލްތިމާސް ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ.
ނަޝީދުގެ ހުކުމް ބާތިލް ކުރުމުގެ ގަރާރު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވުމާ އެކު ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން ބަނީ ބޭރުކޮށްފަ އެވެ.
ނަޝީދުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ، 2015ގަ، އެވެ. އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް އދ. ގެ ވޯކިން ގްރޫޕުން ވެސް ވަނީ ނިންމައިފަ އެވެ.