ދުނިޔޭގެ އެންމެ ދިގު ސްޓެޗޫ އިންޑިއާގައި
ދުނިޔޭގެ އެންމެ ދިގު ސްޓެޗޫ އިންޑިއާގައި

އެންމެ ދިގު ސްޓެޗޫ ހުރީ ޗައިނާ އެވެ. އެކަމަކު ވާދަވެރި އިންޑިއާ އިން ބުދަ ދުވަހު މި ރެކޯޑް މުގުރާލާނެ އެވެ.

"ސްޓެޗޫ އޮފް ޔުނިއަން" ނުވަތަ ގައުމުގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސްޓެޗޫއަކީ 1940 ގެ އަހަރުތަކުގައި އިނގިރޭސީންގެ އަޅުވެތިކަމުން އިންޑިއާ މިނިވަން ކުރުމަށް މަސައްކަތް ކުރެއްވި ހިތްވަރު ގަދަ ބަތަލެއް ކަމަށްވާ ސަރުދާރު ވައްލަބާއީ ޕަޓޭލްގެ ސިފައިގައި ހަދައިފައިވާ ސްޓެޗޫއެކެވެ.

ގުޖުރާތުގައި ރަން ކުލައިން ހަދާފައިވާ މި ސްޓެޗޫގެ ދިގުމިނަކީ 600 ފޫޓް (182 މީޓަރު) އެވެ. ޗައިނާގެ ހެނާން ޕްރޮވިންސްގައި ހުންނަ "ސްޕްރިންގް ޓެމްޕަލް ބުއްދާ" ގެ ދިގު މިނަކީ 420 ފޫޓް (128 މީޓަރު) އެވެ.

އިންޑިއާގެ ސްޓެޗޫ އޮފް ޔުނިއަން ތައްޔާރު ކުރަން 3000 ކްރޯޑް ރުޕީސް (408 މިލިއަން ޑޮލަރު) ހަރަދުކޮށްފައިވެ އެވެ. ގުޖުރާތުގައި ބާއްވާ ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ "ސްޓެޗޫ އޮފް ޔުނިއަން" ރަސްމީކޮށް އިފުތިހާހުކޮށް ދެއްވާނެ އެވެ. އެ ދުވަހަކީ ސަރުދާރު ޕަޓޭލްގެ 138 ވަނަ އުފަން ދުވަސް މެ އެވެ.

އަދި އެކަމާ ދިމާކޮށް ސްޓެޗޫގެ ޕްރޮމޯޝަނެއްގެ ގޮތުގައި އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި މޯދީ ވިދާޅުވީ "ސްޓެޗޫ އޮފް ޔުނިއަން" ވެގެން ދާނީ ބައިނަލްއަގްވާމީ މައިދާނުގައި އިންޑިއާ މިހާރު އޮތް ހިސާބު ތަސައްވުރުކޮށްދޭ އެއްޗަކަށެވެ. އަދި މިއީ އިންޑިއާގެ ހައިބަތު ދައްކުވައި ދޭނެ އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.

މޯދީގެ ހުވަފެނީ މަޝްރޫއެއްގެ ގޮތުގައި މި ސްޓެޗޫގެ ބިންގާ އެޅުއްވީ ގުޖުރާތުގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އޮކްޓޯބަރު، 31، 2013 މޯދީ އެވެ.

އިންޑިއާގެ މިނިވަންކަމާއި އެއްބައިވަންތަ ކަމަށް މަސައްކަތް ކުރި ވަރުގަދަ ސިޔާސީ ޝަހުސިއްޔެއްގެ ގޮތުގައި ސިފަކުރާ ސަރުދާރު ޕަޓޭލްއަކީ އިންޑިއާގެ ފުރަތަމަ ހޯމް މިނިސްޓަރު ވެސް މެ އެވެ. އަދި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރުގެ ނައިބުގެ މަގާމު ވެސް އަދާ ކުރެއްވި ސަރުދާރު މަޝްހޫރުވެފައި ވަނީ އިންޑިއާގެ "އަޔަން މޭން" ގެ ގޮތުގަ އެވެ.

ދުނިޔޭގެ އެންމެ ދިގު ސްޓެޗޫގެ ގޮތުގައި "ސްޓެޗޫ އޮފް ޔުނިއަން" ހެދުމަށް ފަހު، މަހާރަޝްތުރާ ސްޓޭޓްގައި އަނެއްކާ ވެސް ބިޔަ ސްޓެޗޫއެއް 2021 ގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.