29 އޮކްޓޯބަރ 2018 - 22:27

ކޮލަމްބޯ (އޮކްޓޯބަރު 29) - ސްރީ ލަންކާގެ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކެބިނެޓް އެކުލަވާލައި ސަރުކާރު ހިންގުމާ މިއަދު ހަވާލުވެއްޖެ އެވެ.
ރާޖަޕަކްސާގެ ކެބިނެޓަށް ފުރަތަމަ ހަމަޖެއްސެވި 12 މެންބަރުން މިރޭ ވަނީ ރިޔާސީ ސެކްރެޓޭރިއަޓުގައި ރައީސް މައިތުރިޕާލާ ސިރިސޭނާގެ ކުރިފުޅު މަތީ ހުވާ ކުރައްވައިފަ އެވެ. އާ ސަރުކާރުގެ ފިނޭންސް އެންޑް އިކޮނޮމިކް އެފެއާޒްގެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ ރާޖަޕަކްސާ އެވެ. ފޮރިން މިނިސްޓަރަކަށް ހަމަޖައްސާފައި ވަނީ ޑރ. ސަރަތު އަމަނުގަމާ އެވެ.
ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކޮށް، ކެބިނެޓް އުވާލި ނަމަވެސް ރަނިލް ގެންދަވަނީ މަގާމުން ވަކިވުމަށް ދެކޮޅު ހައްދަވަމުންނެވެ. ރަނިލް ވިދާޅުވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށެވެ. އެކަމަކު ރައީސް ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފަ އެވެ.
ގައުމާ މުޚާތަބް ކުރައްވައި ސިރިސޭނާ ވަނީ ރަނިލް މަގާމުން ދުރުކުރި ސަބަބުތައް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވައިފަ އެވެ. އަދި އެއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވި އެވެ.