01 ނޮވެމްބަރ 2018 - 06:53
ޕޯސްޓުން ސިޓީ ފޮނުވުމަކީ މިހާރު އެހާ އާންމު ކަމެއް ނޫނެވެ. އެކަމަކު އެކަމަށް ވެސް ޒަމާނީ ކުލައެއް ޖައްސައިފި ނަމަ ވައިގައި ނުހިފާންވީ ސަބަބެއް ނެތެވެ. ނޯވޭގައި މިހާރު ތައްޔާރުވަމުން އަންނަނީ ޕޯސްޓް ބެހުމުގެ މަސައްކަތް ރޮބޮޓަކާ ހަވާލުކުރުމަށެވެ.
ބަޑީ މޮބިލިޓީ ކުންފުންޏާއި ނޯވޭގެ ޕޯސްޓް އޮފީސް، ޕޯސްޓަން ނޯޖާއާ ގުޅިގެން ނޯވޭގެ މަގުތަކުގައި ސިޓީ ބަހަން ދުއްވާނެ ރޮބޮޓްތަކެއް ހޯދުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެމެރިކާގެ ސެން ފްރެންސިސްކޯއާއި ނޯވޭގެ އޮސްލޯގައި މައި އޮފީސް ގާއިމްކޮށްފައިވާ ބަޑީ މޮބިލިޓީއިން މި މަސައްކަތަށް ނެރޭ ރޮބޮޓްތައް ބަލާބެލުމަށް ހީވަނީ އާދަޔާ ޚިލާފަށް ބޮޑެތި ފޮށިތަކެއްހެނެވެ. ފުރޮޅުލީ ބޮޑެތި ފޮށިތަކެއްގެ ބައްޓަމަށް އުފައްދާފައިވާ މި ރޮބޮޓްތަކަށް ގަޑިއަކު 6ކިލޯމީޓަރަށް ދަތުރުކުރެވޭނެއެވެ. ދުވާލަކު 100 ތަނަށް ސިޓީ އާއި ޕާރުސަލު ބެހެމުގެ ގާބިލްކަން މިއަށް ލިބިފައިވެއެވެ.
ކޮންމެ ގެއަކަށް ވަކިވަކިން ދިޔުމުގެ ބަދަލުގައި މި ރޮބޮޓްތައް ޕްރޮގްރާމްކޮށްފައިވަނީ ޕޯސްޓަށް ފޮނުވާ ތަކެތި ރައްކާކުރާ ގުދަނުން މި ރޮބޮޓް ދޫކޮށްލަމުން ސިޓީއާއި ޕާރުސަލު ރައްދުވާ ފަރާތަށް އެކަމުގެ މައުލޫމާތު އަންގައިގެން އެމީހަކު އިޚުތިޔާރުކުރާ ތަނަކަށް ދާ ގޮތަށެވެ. މި މުއާމަލާތުކުރުމަށް ޚާއްސަ އެޕެއް ވަނީ ތައާރަފްކޮށްފައެވެ. މި އެޕް މެދުވެރިކޮށް ރޮބޮޓް ނުކުތް ޚަބަރު، ސިޓީ ރައްދުވާ ފަރާތަށް ލިބެއެވެ. އަދި ރޮބޮޓާ ބައްދަލުވުމުން އެމީހަކަށް ކަނޑައެޅިފައިވާ ސިޓީ ނުވަތަ ޕާރުސަލު ނަގާނީ އެމީހަކަށް ހުޅުވޭ ގޮތަށް ޕްރޮގްރާމްކޮށްފައިވާ ވަތްގަނޑުންނެވެ. ސިޓީތަކާއި ޕާރުސަލުތައް ރައްދުކުރުމަށްފަހު އަލުން ރީޗާޖުކުރުމަށާއި ސިޓީ އެއްކުރުމަށް ކަނޑައެޅިފައިވާ ޑިސްޓްރިބިއުޝަން ސެންޓަރަކަށް މި ރޮބޮޓްތައް ދާނެއެވެ.
ބަޑީ މޮބިލިޓީއިން ފަރުމާކޮށްފައިވާ މި ރޮބޮޓްތައް، ނޯވޭގައި ފުރަތަމަ ބޭނުންކުރަން ހަމަޖެހިފައިވަނީ ކޮންގްސްބާގް ސަހަރުގައެވެ. ބުނެވޭ ގޮތުގައި ރޮބޮޓްތަކުގެ މަސައްކަތް އޮންނާނީ ކޮންމެ ދުވަހަކު އިރުއޮއްސުމަށްފަހުއެވެ.