31 އޮކްޓޯބަރ 2018 - 11:41

ރާއްޖޭގައި ދަރިވަރުންނާއި ސްކޫލްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށް، ރާއްޖޭގައި އަލަށް ހުޅުވާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެއްޖެ އެވެ.
ދުުނިޔޭގައި އެންމެ ރަނގަޅު ތައުލީމީ ނިޒާމެއް އޮންނަ އެއް ގައުމު ކަމަށްވާ ފިންލެންޑްގެ ތަޖުރިބާކާރުން ހިންގާ ސްކޫލްގެ ޕްރިންސިޕަލް ޑރ. އައިޔާ ވަނަލްނޭ ވިދާޅުވީ ދަރިވަރުންނާއި ސްކޫލްތަކުގެ މެދުގައި ވާދަވެރިކަން އޮތުން ރަނގަޅު ކަމަށް ކުރިން ބެލެވުނު ނަމަވެސް އެކަން މިހާރު ބަދަލުވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ ތައުލީމީ ދާއިރާގެ މާހިރުން ހަދާފައިވާ ތަފާތު ދިރާސާތަކަށް ބަލާލިޔަސް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި އެހީ ވެދެނީ ވާދަކުރުމުގެ ހުނަރު ނޫންކަން އެނގެ އެވެ.
އައިލެންޑާސް އެޑިއުކޭޝަން ގުރޫޕްގެ ދަށުން ހިންގަމުން އަންނަ އެޑުކަނެކްޓް ޕްރައިވެޓް ލިމިޓެޑުން ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް، އަންނަ އަހަރު ހުޅުވަނީ ގްރޭޑް 1 އިން 5 އަށް ހާއްސަކޮށްގެންނެވެ.
އައިޔާ ވިދާޅުވީ އެ ސްކޫލް ހިންގާނީ ދަރިވަރުންގެ ކުުރިމަގު ބިނާކުރުމަށްޓަކައި ބޭނުންވާ 21 ވަނަ ގަރުނުގެ އުކުޅުތަކަށް ބިނާކޮށެވެ.
"އަޅުގަނޑުމެން ދަރިވަރުންގެ މުސްތަގްބަލަށް ވިސްނާލާއިރު، އެކުދިންގެ ކާމިޔާބީ އާއި އުފާވެރިކަން ގުޅިފައިވަނީ އެކަކު އަނެކަކާ ވާދަކޮށްގެން ލިބޭ އެއްޗެއްގެ ގޮތަކު ނޫން. ދަރިވަރުން ތަރުބިއްޔަތު ކުރުމަކީ އެންމެ މަތީ ފާސް ހޯދާ ކުދިން ހޮވާ މުބާރާތަކަށް ވެގެން ނުވާނެ. މިކަހަލަ ނިޒާމަކުން ވާ ގޮތަކީ މަދު ދަރިވަރަކަށް ކާމިޔާބު ލިބި، ގިނަ އަދަދެއްގެ ދަރިވަރުން ބާކީވާ ގޮތް ވަނީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ދަރިވަރުންނާ ދޭތެރޭ ހިންގޭ ތަފާތުކުރުމުގެ އަމަލެއް،" ޑރ. އައިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަރިވަރުންގެ މުސްތަގްބަލް ބިނާކުރަން އެހީތެރިވެދޭން، ހުރިހާ ދަރިވަރުންގެ ދުޅަހެޔޮ ކަމަށް ވެސް އަހައްމިއްޔަތުކަން ދިނުން މުހިއްމެވެ. އެގޮތުން 21 ވަނަ ގަރުނުގެ އުކުޅުތަކަށް ނަޒަރު ހިންގާލާއިރު ކަންކަމާ ދޭތެރޭ ފުންކޮށް ވިސްނުމުގެ ގާބިލްކަމާއި އުފެއްދުންތެރިކަމާއި އެކުގައި މަސައްކަތްކުރުމާއި ރަނގަޅަށް މުއާމަލާތުކުރުމާއި މައުލޫމާތުގެ މުއްސަނދިކަން އަދި އިސްނެގުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޔާ ވިދާޅުވި ގޮތުގައި އެއީ ކޮންމެ ދަރިވަރެއްގެ ކިބައިގައި ވެސް ހުންނަން ޖެހޭ ސިފަތަކެކެވެ. އެކަމަކު އެ ސިފަތައް ހޯދަން ވާދަވެރިކަމެއް ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވައިދޭ ކޮންމެ ފިލާވަޅެއްގެ ވެސް މައިގަނޑު ބޭނުމަކީ، ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، ކޮންމެ ދަރިވަރެއްގެ ކިބާގައި ވެސް ހުންނަ އެފަދަ ހުނަރުތައް ދެނެގަނެ، އެ ބޭނުންކުރަން ދަސްކޮށްދިނުމެވެ. އެގޮތުން އެ ސްކޫލްގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މުބާރާތްތަކަށް ވުރެ ބޮޑަށް ދަރިވަރުންގެ ހުންނަ ފާހަގަކޮށްލެވޭ ސިފަތަކަށާއި އިތުރަށް އެހީ ބޭނުންވާ ކަންކަމަށް ކަމަށް އައިޔާ ވިދާޅުވި އެވެ.
އެގޮތުން މި ސްކޫލްގެ އަމާޒަކީ މިފަދަ އުސޫލުތަކެއްގެ މަތިން ދިވެހިރާއްޖޭގައި ކިޔަވައިދޭ އެންމެ ފުރަތަމަ ސްކޫލަށްވެ، މިގޮތަށްވެސް ސްކޫލް ހިންގިދާނެކަން ސާބިތު ކޮށްދިނުން ކަމަށް ޑރ. އައިޔާ ވިދާޅުވިއެވެ. އަދި އެކަން އެހެން ސްކޫލް ތަކުންވެސް ބަލައިގަނެ، މުޅި ރާއްޖޭގެ ތައުލީމީ ނިޒާމުވެސް އެފަދަ ގޮތަކަށް ބަދަލުވާނެކަމަށް އުއްމީދު ކުރާކަމަށް ޑރ. އައިޔާ ވިދާޅުވިއެވެ.
ކުރީގެ އަމީރު އަހުމަދު ސްކޫލްގައި ހިންގަން ފަށާ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަށް ވަންނަން އޮންލައިން ޕްރީ ރެޖިސްޓްރޭޝަން ހުޅުވާލުމާ އެކު، ގްރޭޑް 2 ފިޔަވައި އެހެން ހުރިހާ ގްރޭޑްތަކެއް ވަނީ ފުލްވެފަ އެވެ. އަދި ކުދިންނަށް ޖާގަ ދެވެން ހުރި ވަރަކުން، އޮންލައިންކޮށް ވެއިޓްލިސްޓް ކުރަމުން އަންނަ ކަމަށް ވެސް އެޑިއުކަނެކްޓުން ބުނެ އެވެ.