ނަޝީދަށް މަރުހަބާ ދަންނަވަން ރަށްރަށުން މީހުން މާލެ އަންނަނީ
ނަޝީދަށް މަރުހަބާ ދަންނަވަން ރަށްރަށުން މީހުން މާލެ އަންނަނީ

ތިން އަހަރަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާތީ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށްރަށުން މީހުން އަންނަން ފަށައިފި އެވެ.

ނަޝީދަށް މަރުހަބާ ދަންނަވަން ރަށްރަށުން މީހުން މާލެ އަންނަނީ
ނަޝީދަށް މަރުހަބާ ދަންނަވަން ރަށްރަށުން މީހުން މާލެ އަންނަނީ

ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާ އަށް ފޮނުވުމުން ރާއްޖެ ވަޑައިނުގެން އިނގިރޭސި ވިލާތާއި އަވައްޓެރި ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދެވި ނަޝީދު މިއަދު ވަޑައިގަންނަވާތީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވުމަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ. މިއީ ދިވެއްސަކަށް ކިޔާނެ އެންމެ ބޮޑު މަރުހަބާ ކަމަށް އެ ޕާޓީން ބުންޏެވެ.

ނަޝީދަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން އޮޑިދޯނިފަހަރާއި ލޯންޗުތަކުގައި މީހުން އަންނަނީ މާލެ އަށް ޖަމާވަމުންނެވެ. އަދި އެ އުޅަނދުތައް ހުރީ ރީނދޫ ކުލައިގެ ދިދަފަތި ދަމައި ޒީނަތްތެރި ކޮށްފަ އެވެ.

އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް އެއް ނަންބަރު ފާލަމުން ފެށިގެން، ޗާނދަނީ މަގުން މަޖީދީމަގަށް ގޮސް، މަޖީދީ މަގުން އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެ އާއި ހަމައަށް ކުރިއަށް ދާނެ އެވެ. އަދި ހަވީރު 6:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ނަޝީދު މިއަދު ރާއްޖެ ވަޑައިގަންނަވާ އިރު، އެ މަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވެ ޖަލު ހުކުމެއް އޮތް ކަމުގައި ވިޔަސް، އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ތަންފީޒީ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ނަޝީދުގެ ހުކުމް މުރާޖައާ ކޮށްދިނުމަށް ޕީޖީގެ ފަރާތުން އެ ކޯޓަށް ހުށައެޅި މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެ މަނިކުފާނުގެ ހުކުމާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނޭޅުމަށެވެ.