މި ފަހަރު ވެސް ޕްރިޔަންކާ ޗޯޕްޅާގެ ސިކުންތުކޮޅެއް
މި ފަހަރު ވެސް ޕްރިޔަންކާ ޗޯޕްޅާގެ ސިކުންތުކޮޅެއް

ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ މުޅި ފޯކަސް ޕްރިޔަންކާ ޗޯޕްޅާ އަށް ލިބުނަސް، އޭނާ މިހާތަނަށް ކުޅުނު ހޮލީވުޑްގެ ފިލްމުތަކުން ބެލުންތެރިން އެހާ ހިތްހަމަޖެހޭ ވަރުގެ ރޯލަކުން ނުފެނެ އެވެ.

ފުރަތަމަ ފިލްމު ބޭވޮޗް (2017) އާއި މި އަހަރު ރިލީޒް ކުރި "އަ ކިޑް ލައިކް ޖޭކް" ގައި ވެސް ބޮލީވުޑްގެ އެންމެ ވަރުގަދަ ބަތަލާ ހަގީގަތުގައި ކުޅެފައި ވަނީ މާބޮޑު ސަމާލު ކަމެއް ނުލިބޭ، ހަވާސާ ރޯލްތަކެވެ.

ޕްރިޔަންކާ ކުޅުނު ހޮލީވުޑްގެ ތިން ވަނަ ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް؟" ގެ ޓްރެއިލާ ދައްކައިލި އިރު ހަމަ މި ފަހަރު ވެސް ހާލަކީ މިއީ އެވެ. އޭނާގެ ފޭނުން ހިތްހަމަޖޭ ވަރުގެ ފެނިލުމެއް ހިމަނައިފައެއް ނެތެވެ. މުޅި ޓްރެއިލާ އެއްކޮށްހެން އޮތީ ބަތަލާ ރިބެލް ވިލްސަން އަށް ބިނާކޮށްފަ އެވެ.

"އިޒިންޓް އިޓް ރޮމޭންޓިކް؟" ގެ ޓްރެއިލާ އިން ޕްރިޔަންކާ ދައްކައިލަނީ ދެތިން މަންޒަރެއްގައި އެސްފިޔަ ޖަހައިލެވޭހާ ހިނދުކޮޅަކަށެވެ.

ކޮންމެއަކަސް ދެން އޮތީ މި ފިލްމަށް އިންތިޒާރު ކުރުމެވެ. ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ފެބްރުއަރީ، 14، 2019 ގަ އެވެ.

"އިޒިންޓް އިޓް ރޮމޭންޓިކް؟" ގެ ކާސްޓުންގެ ތެރޭގައި ރެބެލް އާއި ޕްރިޔަންކާއާ އެކު ދެން ހިމެނެނީ ލިއަމް ހެމްސްވޯތު އާއި އެޑަމް ޑެވިން އެވެ. ޓޮޑް ސްޓްރޯސް-ޝުލްޒަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މައިގަނޑު ވާހަކަ އެނބުރެނީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ ގޮތުގަ އެވެ. އެގޮތުން މީގެ ފިލްމުގެ ޕްލޮޓް އެނބުރެނީ ރެބެލް އާއި ލިއަމް އަދި އެޑަމްގެ ވަށައިގެންނެވެ.

ޕްރިޔަންކާ ވަނީ ކްރިސް ޕްރެޓާ އެކު ވެސް ފިލްމަކަށް ސޮއިކޮށްފަ އެވެ.

އެއީ "ގޭމް އޮފް ތުރޯންސް" ގެ ޑައިރެކްޓަރު މިޝެލް މެކްލެރެން ޑައިރެކްޓް ކުރާ "ކައުބޯއި ނިންޖާ ވައިކިން" އެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފެށުން ވަނީ ލަސްކޮށްފަ އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ 36 އަހަރުގެ ބަތަލާ މިހާރު އަންނަނީ ދެ އަހަރު ފަހުން ހިންދީ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ދަ ސްކައި އިޒް ޕިންކް" އެވެ.